Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ބަންގްލަދޭޝް ސެމީ އަށް، ރާއްޖެ ކަޓައިފި

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގައި 3-1 އިން ބޫޓާން ބަލިކޮށް މުބާރާތުގެ ސެމީފައިނަލުން ބަންގްލަދޭޝް ޖާގަ ހޯދައިފި އެވެ.

މި މޮޅާއެކު ބަންގްލަދޭޝް ސެމީ އަށް ދަތުރުކޮށްފައިވަނީ ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާ އެކު ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ކުޅުނު ތިން މެޗުން ހޯދި 9 ޕޮއިންޓާ އެކު މި ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކުރީ ލުބްނާން އެވެ. ގްރޫޕްގެ ތިންވަނައާއެކު މުބާރާތުން ކެޓި ރާއްޖެ އަށް ތިން މެޗުން ހޯދުނީ ތިން ޕޮއިންޓެވެ. ބޫޓާން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ގްރޫޕް ސްޓޭޖާ ހިސާބުން ރާއްޖެ އަށް މުބާރާތް ނިންމާލަން ޖެހުނު އިރު މިއީ 1997 ވަނަ އަހަރަށް ފަހު މުބާރާތުގެ ސެމީ އަށް ނުގޮސް ރާއްޖެ ކެޓި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބޫޓާނުންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓްގައި ސެންޑާ ޑޯޖީ މި ގޯލު ކާމިޔާބު ކުރީ ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނެޓްގައި މޮރްސަލިން ވަނީ ބަންގްލަދޭޝަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 30 ވަނަ މިނެޓްގައި ބޫޓާން ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލާއެކު ބަންގްލަދޭޝުން މެޗުގެ ލީޑު ނެގިއިރު އޭގެ ހަ މިނެޓް ފަހުން ރަކިބް ހުސެއިން ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފަ އެވެ.

ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ބޫޓާނުން ތަނަވަސްކޮށްފައިވެ އެވެ.

މުބާރާތުގެ ސެމީގައި ބަންގްލަދޭޝް ބައްދަލުކުރާނީ ކުވެއިތާ އެވެ. އަދި ލުބްނާން ނިކުންނާނީ އިންޑިޔާއާ ދެކޮޅަށެވެ. ސެމީފައިނަލް މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.