Last Updated: June 7, 13:49
Sunday, June 7, 2026
ދުނިޔެ

ދެކުނު ކޮރެއާ މީހުން ޒުވާންވެއްޖެ؛ މިވީ ކިހިނެތް؟

ދެކުނު ކޮރެއާ ކުއްޖެއްގެ އުމުރަށް އައި ބަދަލު ދައްކަނީ / ފޮޓޯ: އޭއެފްޕީ

ދެކުނު ކޮރޭގައި ޒަމާނުއްސުރެން އުމުރު ގުނާ އުސޫލު ބަދަލުކޮށް މިއަދު އައު އުސޫލަށް ޢަމަލުކުރަން ފަށައިފިއެވެ. މިއަދު ޢަމަލު ކުރަން ފެށި އުސޫލަކީ ދުނިޔޭގެ އެހެން ހުރިހާ ޤައުމެއްގައިވެސް އުމުރު ގުނަން ބޭނުން ކުރާ އުސޫލެވެ.

ދެކުނު ކޮރޭގައި ޒަމާނުއްސުރެން އުމުރު ގުނުމަށް ބޭނުން ކުރަމުން އައި ތަފާތު އުސޫލެކެވެ. އެ އުސޫލުން ގުނާ ނަމަ، އުފަންވާ ދުވަހު އެ ކުއްޖަކަށް 1 އަހަރު ވީ ކަމަށް ބަލައެވެ. އަދި އޭގެ ފަހުން ޖެނުއަރީ އެއްވަނަ ދުވަހު ކޮންމެ އަހަރަކުވެސް އަހަރު އިތުރު ކުރަނީއެވެ. މީގެ މާނައަކީ ޑިސެމްބަރު 31 ގައި އުފަންވާ ކުއްޖާ އަކީ، އޭގެ ޖެހިގެން އައި ދުވަހު 2 އަހަރުގެ ކުއްޖެއްގެ ގޮތުގައި ބެލުމެވެ.

ޒަމާނުއްސުރެ ބޭނުން ކުރަމުން އައި މި އުސޫލު ބަދަލު ކުރަން މިދިޔަ އަހަރު ޑިސެމްބަރު މަހު އެ ޤައުމުގެ މަޖިލީހުން ފާސް ކުރިއެވެ. މި އުސޫލު ބަދަލު ކުރިއިރު، ސިއްހީ ލިއެކިއުންތަކާއި އަދި ސަރުކާރުގެ ބައެއް އެހެން ލިއެކިއުންތަކުގައި 1960ގެ އަހަރު ތަކުން ފެށިގެން، ބޭނުން ކުރަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި އާންމު އުސޫލުން ބޭނުން ކުރާ ނިޒާމެވެ. ނަމަވެސް އާންމު ދިރިއުޅުމުގައި ކޮރެއާގައި ބޭނުން ކުރަނީ ހުއްޓާލި އުސޫލު ކަމުން ކޮރެއާ ކޮންމެ ރައްޔިތެއްވެސް އުމުރު ޖެހެނީ އަމިއްލައަށް ގުނާލާށެވެ.

މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ދަތުރުތަކުގައިއާއި އެހެން ބައެއް ކަންކަމުގައި ވަރަށް ބޮޑަށް އޮޅޭ ކަމަށް ކޮރެއާގެ ރައްޔިތުން ބުނެއެވެ. މި ބަދަލު ގެނައުމުގެ ކުރިން މިދިޔަ އަހަރު ކޮރެއާގައި ނެގި އާންމުންގެ ހިޔާލު ހޯދުމުގެ ދިރާސާއެއް ދައްކާގޮތުން ދެކުނު ކޮރެއާގެ 70 އިންސައްތަ މީހުން އުމުރު ގުނާ އުސޫލު ބަދަލު ކުރަން ބޭނުންވެއެވެ.

ދެކުނު ކޮރެއާ ކުއްޖެއްގެ އުމުރަށް އައި ބަދަލު ދައްކަނީ / ފޮޓޯ: އޭއެފްޕީ

މި އުސޫލަށް ބަދަލު ގެނައުމާއި ގުޅިގެން ކޮރެއާގެ ޒުވާން އަންހެން ކުއްޖަކު އޭއެފްޕީ އަށް ބުނީ އޭނާއަށް އަންނަ އަހަރު 30 ފުރޭ ގޮތަށް އޮތް ނަމަވެސް، މިހާރު އޭނާގެ އުމުރު 2 އަހަރު ދަށްވެ އަންނަ އަހަރު ފުރޭނީ 28 ކަމަށެވެ. އެހެން ކަމުން ޒުވާން ވެގެން ދިޔަ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ބުނިއެވެ. ކޮރެއާގެ މަސައްކަތްތެރިންގެ ހިޔާލުތައްވެސް ހުރީ މިގޮތަށެވެ.

ކޮރެއާގައި ޒަމާނުއް ސުރެ އުމުރު ގުނުމުގައި ބޭނުން ކުރަމުން އައި މި އުސޫލު ބަދަލުވި ނަމަވެސް، ދުންފަތާއި މިފަދަ ބާވަތްތައް ގަތުމަށް އޮންނަ އުމުރު ގުނުމުގައި އަދިވެސް ބޭނުން ކުރަނީ އެހެން އުސޫލެކެވެ. އެ އުސޫލުގައި އޮންނަ ގޮތަކީ އުފަންވާއިރު އުމުރަކީ 0 ކަމަށް ބަލައި، ކޮންމެ އަހަރެއް ފެށޭ ދުވަހު 1 އަހަރު އިތުރު ކުރުމެވެ.