ވެސްޓްހަމް ޔުނައިޓެޑްގެ އިންގްލެންޑް މިޑްފީލްޑަރު، ޑެކްލަން ރައިސް އާސެނަލަށް ވިއްކާލަން ނިންމައިފި އެވެ.
ރައިސް ،24، އާސެނަލަށް ބަދަލުވާނީ 105 މިލިއަން ޕައުންޑްގެ އަގަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އާސެނަލުން ރައިސް ގަންނަން ހުށަހެޅި ތިންވަނަ ބިޑް ވެސްޓްހަމުން ގަބޫލުކޮށްފައިވާއިރު މި ޓްރާންސްފާ ފުރިހަމަ ކުރުމުގެ އެންމެފަހުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރައީސް ގަންނަން ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ސިޓީން ދާދިފަހުން ހުށަހެޅި 90 މިލިއަން ޕައުންޑްގެ ބިޑު ވެސްޓްހަމުން ވަނީ ގަބޫލުކުރަން ދެކޮޅު ހަދާފަ އެވެ. އެއާއެކު ސިޓީން ވަނީ ރައިސް ގަންނަން އިތުރު ބިޑެއް ނުކުރަން ނިންމައިފަ އެވެ.
ވެސްޓްހަމްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އައި ރައިސް ވަނީ އެ ކްލަބަށް 245 މެޗު ކުޅެދީ 15 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ވެސްޓްހަމަށް މިދިޔަ ސީޒަނުގައި ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްދިނުމުގައި ވެސް ރައިސް މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.
ރައިސްގެ އިތުރުން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އާސެނަލުން ވަނީ ޗެލްސީ އަށް ކުޅެމުން އައި ކައި ހަވެޓްޒް 65 މިލިއަން ޕައުންޑްގެ އަގަކަށް އެ ކްލަބަށް ގެންގޮސްފަ އެވެ. އާސެނަލުން މިހާރު އަންނަނީ އަޔެކްސް އަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު ޖުރިއެން ޓިމްބާ ގަންނަން ވެސް ތައްޔާރުވަމުންނެވެ.