މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ލެސްޓާ ސިޓީގެ އިންގްލެންޑް މިޑްފީލްޑަރު، ޖޭމްސް މެޑިސަން ޓޮޓެންހަމަށް ބަދަލުވެއްޖެ އެވެ.
މެޑިސަން ،26، ޓޮޓެންހަމަށް ބަދަލުވީ 40 މިލިއަން ޕައުންޑްގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ލެސްޓަ ސިޓީ އަށް 203 މެޗު ކުޅެދީ އެ ކްލަބަށް އިނގިރޭސި އެފްއޭ ކަޕް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މެޑިސަން ވަނީ މިދިޔަ ސީޒަނުގައި ލެސްޓާ އަށް ޕްރިމިއާ ލީގުގައި 10 ގޯލު ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް އެޓީމު ރެލިގޭޝަނުން ސަލާމަތްވާ ގޮތް ވަނީ ނުވެފަ އެވެ.
މެޑިސަން ގަންނަން މީގެކުރިން ނިއުކާސަލް ޔުނައިޓެޑުން ވެސް މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް ފަހުން ނިއުކާސަލުން ވަނީ އޭސީ މިލާނަށް ކުޅެމުން އައި އިޓަލީގެ ޒުވާން މިޑްފީލްޑަރު ސަންޑޯ ޓޮނާލީގެ ސޮއި ހޯދައިފަ އެވެ.
މެޑިސަން ޓޮޓެންހަމްއާ ގުޅުނު އިރު އެ ކްލަބުން ވަނީ އެމްޕޮލީ އަށް ކުޅެމުން އައި އިޓަލީގެ ގޯލްކީޕަރު ގިއޭމޯ ވިކާރިއޯ ވެސް އެ ކްލަބަށް ގެނެސްފަ އެވެ.
މީގެއިތުރުން ޓޮޓެންހަމުން އަންނަނީ އިތުބާރު ފޯވާޑް ހެރީ ކޭން ކްލަބުގައި މަޑުކުރުވުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ކޭން ގަންނަން ޖަރުމަނުގެ ބަޔާން މިއުނިކުން ޝައުގުވެރިވާއިރު ދާދިފަހުން ބަޔާނުން ކޭން ގަންނަން ހުށަހެޅި 70 މިލިއަން ޕައުންޑްގެ ބިޑް ޓޮޓެންހަމުން ވަނީ ގަބޫލުކުރަން ދެކޮޅު ހަދައިފަ އެވެ. ބަޔާނުން އަންނަނީ އިތުރު ބިޑެއް ހުށަހަޅަން މިހާރު ތައްޔާރުވަމުންނެވެ.