Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

މެޑޯނާ އެޑްމިޓްކޮށް، ފަރުވާ ދެނީ

ދިމާވި ސީރިއަސް ޖަރާސީމު އިންފެކްޝަނަކާ ހެދި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭ ފަށައިފި އެވެ.

އޭނަގެ މެނޭޖަރު ގާއި އީސީރީ އިންސްޓަގްރާމްގައި ބުނީ 64 އަހަރުގެ ފަންނާނު އައިސީޔޫގައި އެޑްމިޓްކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އޭގެ ފަހުން ހާލަތު ވަރަށް ބޮޑަށް ރަނގަޅުވި ނަމަވެސް އަދިވެސް އޭނަ އޮތީ ޑޮކްޓަރުންގެ އޮބްޒަވޭޝަންގައި ކަމަށް ބުންޏެވެ.

މިކަމާ ހެދި އަންނަ މަހު ފަށަން އޮތް މެޑޯނާގެ "މެޑޯނާ: ސެލެބްރޭޝަން ވޯލްޑް ޓުއާ" ވެސް ވަނީ ފަސްކޮށްފަ އެވެ. ގާއި ބުނީ މެޑޯނާގެ ސިއްހީ ހާލަތު ހުރި ގޮތުން ކުރިން ތާވަލުކުރި ގޮތަށް ޓުއާ ގެންދެވެން ނެތުމުން، ފަހުން އެމާ ބެހޭ ތަފުސީލުތައް ހާމަކުރާނެ އެވެ. "މެޑޯނާ: ސެލެބްރޭޝަން ވޯލްޑް ޓުއާ" ކުރިން ފަށަން އޮތީ ކެނެޑާގެ ވެންކޫވާ އިން އަންނަ މަހުގެ 15 ގަ އެވެ. އަދި ޓުއާ ނިންމައިލަން އޮތީ ޖުމްލަ 84 ޝޯއާ އެކީ އަންނަ އަހަރުގެ ޖެނުއަރީ 30 ގަ އެވެ.

މިހާތަނަށް މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ އަދި 14 އަލްބަމް ނެރެފައިވާ މެޑޯނާގެ އެންނެ ފަހުން ނެރުނު އަލްބަމަކީ 2019 ގެ "މެޑަމް އެކްސް" އެވެ. ވަރަށް ގިނަ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ މެޑޯނާ އަންނަނީ އޭނަގެ އަމިއްލަ ބައޮގްރަފިކަލް ޑްރާމާއެއް ވެސް ޑައިރެކްޓްކުރަމުންނެވެ.