މިދިޔަ މަހުގެ ތެރޭގައި ޖަލުން 46 މީހަކު މިނިވަންވި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ޖަލާ ގުޅޭ ގޮތުން އެތަނުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖަލުން މިނިވަންވި 46 މީހުންގެ ތެރެއިން 35 މީހުންނަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ މީހުންނެވެ. އަނެއް 11 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށް ޖަލުގައި ތިބި މީހުންނެވެ.
މިނިވަންވި ގައިދީންގެ ތެރެއިން 27 ގައިދީންނަކީ ހުކުމް ތަންފީޒުކޮށްނިމުނު ގައިދީންނެވެ. އަދި ހަތަރު ގައިދީއަކީ ކްލެމެންސީގެ ދަށުން މިނިވަންވި އިރު، ހަތަރު ގައިދީއަކު ޕެރޯލްގެ ދަށުން މިނިވަންވެފައިވެ އެވެ.
Monthly statistics of May 2023 pic.twitter.com/eNgsHCkmZx
— Maldives Correctional Service (@CorrectionsMv) June 27, 2023
ކަރެކްޝަންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މެއި މަހުގެ ތެރޭގައި 50 މީހަކު ޖަލަށްލި އެވެ. އޭގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންނެވެ. މެއި މަހު ޖަލަށްލީ މީހުންގެ ތެރެއިން 43 މީހުންނަކީ ޖަލަށްލާން ހުކުމްކޮށްގެން ހުކުމް ތަންފީޒުކުރުމަށްޓަކައި ޖަލަށްލި މީހުންނެވެ. އަދި އަނެއް ހަތް މީހުންނަކީ ކޯޓު އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނެވެ.
ޖަލަށް މީހުން ލާފައިވާ މައްސަލަތަކަށް ބަލާ އިރު 62.8 ޕަސެންޓް މީހުން މިދިޔަ މަހު ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. ދެން އެންމެ ގިނަ މީހުން ޖަލަށްލީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގަ އެވެ. އެއީ 20.9 ޕަސެންޓް މީހުންނެވެ.