އާމިރު ޚާނާ އެކީ "ގަޖިނީ" ކުޅުނު ބަތަލާ އާސިންގެ ކައިވެނީގެ މައްސަލަ ޖެހި، ވަރިފަށަށް އަރާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ވާހަކަތައް އޭނަ ދޮގުކޮށްފި އެވެ.
އާސިން އާއި ވިޔަފާވެރިއެއް ކަމަށްވާ ރާހުލް ޝަރުމާ ކައިވެނިކުރީ 2016 ގަ އެވެ. އަދި އެ ކައިވެންޏަށް ދަރިޔަކު ވެސް ލިބިފައިވެ އެވެ. ނަމަވެސް މި ހަފުތާގައި ބައެއް މީޑިއާތަކުން ވަނީ އާސިން އާއި ރާހުލް ވަރިވާބް ނިންމާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
މިކަމާ ގުޅިގެން އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި ޕޯސްޓެއްގައި 37 އަހަރުގެ ބަތަލާ ބުނީ އޭނަ ވަރިފަށަށް އެރި ވާހަކަ މީޑިއާތަކުން ރިޕޯޓްކުރިކަން އެނގުނީ ފިރިމީހާއާ އެކު އުފާވެރި ޗުއްޓީއެއްގައި އުޅެނިކޮށް ކަމަށެވެ. އަދި އެއީ މުޅިން ހަގީހަތާ ހިލާފު ދޮގު "ޚަބަރެއް" ކަމަށް ބުންޏެވެ.

އާސިން ބުނި ގޮތުގައި މިފަދަ ވާހަކަތަކެއް ކުރިން ވެސް އޭނައާ ބެހޭ ގޮތުން މީޑިއާތަކުން ފެތުރި އެވެ. އެ ފަހަރު ވަރިފަށަށް އެރި ވާހަކަ މީޑިއާތަކުން ފެތުރީ ދަރިއަކު ހޯދަން ދެމަފިރިން ޕްލޭން ކުރަމުން ދިޔަ ދަނޑިވަޅުގައި ކަމަށް ބުންޏެވެ.
އެހެންވެ މިފަދަ އަސާސެއް ނެތް ވާހަކަތަކަށް ރައްދު ދޭން ވަގުތު ހުސްކުރަން ޖެހުމުން މި ފަހަރުގެ ހިތްގައިމު ޗުއްޓީގެ ތެރެއިން ވެސް ފަސް ވަރަކަށް މިނިޓް ބޭކާރުވެއްޖެ ކަމަށް ގަބޫލުކުރާ އާސިން ބުންޏެވެ.
އާސިން މަޝްހޫރުވީ އިންޑިއާގެ ދެކުނުގެ ފިލްމުތަކުންނެވެ. އޭނަ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް 2" އާއި "ލަންޑަން ޑްރީމްސް" އާއި "ރެޑީ" އަދި "ބޯލް ބައްޗަން" ހިމެނެ އެވެ. އާސިންގެ އެންމެ ފަހުން ފެނިފައި ވަނީ 2015 ގެ "އޯލް އިޒް ވެލް" އިިންނެވެ.
ކައިވެނީގެ ފަހުން އޭނަ ފިލްމީ މަސައްކަތެއް ނުކުރެ އެވެ.