"ޕިޔާރު ކާ ޕަންޗްނާމާ' ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ ބަތަލާ ސޮނާލީ ސޭގަލްގެ ހަނީމޫން ރާއްޖޭގައި ހޭދަކުރަމުން އެބަދަ އެވެ.
ސޮނާލީ އާއި ފިރިމީހާ އަޝޭޝް އެލް ސަޖްނާނީ ހަނީމޫން ހޭދަކުރަމުން އަންނަނީ އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސްގަ އެވެ. އެ ތަނުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އެ މީހުންގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.
ވިޔަފާރިވެރިއެއް ކަމަށްވާ އަޝޭޝްއާ ސޮނާލީ ކައިވެނިކުރީ މި މަހުގެ 7 ގައި މުމްބާއީގައި ބޭއްވި ވަރަށް ކުލަގަދަ ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ވަރަށް ގިނަ ފިލްމީ ތަރިންނާއި އިންޑަސްޓްރީގެ އެކި މީހުން ބައިވެރިވި އެވެ.
ބޮލީވުޑުން އަދި މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނުވާ ސޮނާލީ، 34، ކުޅުނު ފިލްމުތަކުގެ ތެރޭގައި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ހައި ޖެކް"، "ސެޓާސް" އަދި "ޖޭ މަންމީ ދީ" ހިމެނެ އެވެ. ސޮނާލީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވަރުދާން ޕޫރީއާ އެކީ ކުޅެފައިވާ "އަސޭގް" އާއި ކްރިތީ ސެނަން އާއި ނަވާޒުއްދީން ސިއްދީގީގެ "ނޫރާނީ ޗެހެރާ" ހިމެނެ އެވެ.
ސޮނާލީ ހަނީމޫނަށް ރާއްޖެ އައި އިރު، އިންޑިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.