Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ޑިމޮކްރެޓްސްގެ މެނިފެސްޓޯ ވޯކްޝޮޕެއް ފުވައްމުލަކުގައި

އަލަށް އުފައްދަން ހުށަހަޅާފައިވާ ޕާޓީ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ވޯކްޝޮޕެއް މިރޭ ފުވައްމުލަކުގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

އެ ވޯކްޝޮޕް ކުރިއަށް ދާނީ މިރޭ 8:30 އިން ފެށިގެން ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުދުމާ މާލަންގަ އެވެ. މި ވޯކްޝޮޕްގައި ޑިމޮކްރެޓްސްގެ ފަރާތުން އިސްކޮށް ބައިވެރިވަޑައިގަންނަވާނީ މަޖިލީހުގެ ހުޅަނގު ހެންވޭރު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

ދަ ޑިމޮކްރެޓްސް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާ ޕާޓީއެކެވެ. އެ ޕާޓީ ރަޖިސްޓްރީކުރަން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިދިޔަ މަހުގެ 24 ގަ އެވެ. އީސީން މިހާރު ނިންމާފައި ޕާޓީ ރަޖިސްޓްރީކުރަން އަންނަ މަހުގެ 2 ގައި ހުއްދަ ދިނުމަށެވެ.

މި ޕާޓީން އަންނަނީ މެމްބަރުން ހޯދުމާއި މި އަހަރުގެ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯއާ ގުޅޭ މަސައްކަތްތައް މިހާރު ކުރަމުންނެވެ. އަމާޒަކީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމެވެ.