Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ގޯވިންދާ އެންމެ ހިތްކީ މަދޫރީ އަށް

މިހާތަނަށް އެކީގައި މަސައްކަތްކުރި ބަތަލާއިންގެ ތެރެއިން އެންމެ ހިތްކީ މަދޫރީ ޑިކްސިޓަށް ކަމަށާއި އޭނައާ ދިމާވި އިރު، ކައިވެނިކޮށްގެން ނެތް ނަމަ މަދޫރީ ހާސިލުކުރަން މަސައްކަތް ކުރީސް ކަމަށް ބޮލީވުޑްގެ އެކްޓަރު ގޯވިންދާ ބުނެފި އެވެ.

ބޮލީވުޑް ބަބްލް އަށް ދިން އިންޓަވިއުއެއްގައި ގޯވިންދާ، 59، ބުނީ ކުރިން ވެސް މިހާރު ވެސް މަދޫރީ، 56، އަކީ ރީތިކަމުގެ މިސާލެއް ކަމަށާއި މަދޫރީގެ ރީތި ކަމަށް އެއްވެސް ބަދަލެއް ވެސް ނާންނަ ކަމަށެވެ.

ގޯވިންދާ އާއި ސުނީތާ ކައިވެނިކުރީ 1987 ގަ އެވެ. އެއީ ގޯވިންދާ ކެރިއަރުގެ އެންމެ ކުރީކޮޅެވެ. މަދޫރީއާ އެކީ ފިލްމު ކުޅުމުގެ ނަސީބު ގޯވިންދާ އަށް ލިބުނީ ކައިވެނިކުރި ފަހުންނެވެ.

"ސުނީތާއާ ދިމާވުމުގެ ކުރިން އަހަންނަށް މަދޫރީއާ ދިމާވި ނަމަ އޭނަ ހާސިލުކުރަން އަހަރެން ހަމަ ޔަގީނުން ވެސް މަސައްކަތްކުރީމުސް،" ދެ ކުދިންގެ ބައްޕަ ބުންޏެވެ. "އަދި މަދޫރީ އަކީ ބަތަލާއެއްގެ ގޮތުގައި އަހަރެންގެ އެންމެ ބޮޑު ފެވަރިޓް ވެސް މެ."

ގޯވިންދާއާ އެކީ ސުނީތާ ވެސް ބައިވެރިވެ އިންޓަވިއުގައި އޭނަ ބުނީ މަދޫރިއާ ހެދި ގޯވިންދާ އުޅުނުވަރު އެނގޭ ކަމަށެވެ. އެކަމަކު އެކަހަލަ ކަންކަމަށް އެއް އިރެއްގައި ވެސް ސަމާލުކަން ނުދޭ ކަމަށް ސުނީތާ ބުންޏެވެ.

ބޮލީވުޑްގެ ތަރިން ތެރެއިން ނެށުމަށް ވެސް އަރާހުރ ދެ ތަރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ގޯވިންދާ އާއި މަދޫރީ އެކީގައި ކުޅުނު ފިލްމުތަކަކީ ޕާޕް ކީ އަންތު (1989)، މަހާ ސަންގްރަމް (1990)، އިއްޒަތުދާރު (1990) އަދި ބަޅޭ މިޔާ ޗޯޓޭ މިޔާ (1998) އެވެ.

މަދޫރީ ކައިވެނިކުރީ 1999 ގަ އެވެ. އެއީ ޑރ. ސްރީރާމް ނޭނޭއާ އެވެ. އެ ކައިވެންޏަށް ދެ ފިރިހެން ކުދިން އެބަތިއްބެވެ. ޑރ. ނޭނޭއާ ކައިވެނި ކުރުމުގެ ކުރިން މަދޫރީ ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި އެކްޓަރަކީ ސަންޖޭ ދަތެވެ.