އާއިލާގެ މައިގަނޑު މެމްބަރުންގެ ފޮޓޯއަކާ އެކީ ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ފޭނުންނަށް އީދުގެ ތަހުނިޔާ މިއަދު ފޮނުވައިފި އެވެ.
އޭނަގެ ސޯޝަލް މީޑިއާގައި އެކައުންޓްތަކުގައި ޕޯސްޓްކުރި ފޮޓޯގައި ފެންނަނީ ބައްޕަ ސަލީމް ޚާނާއި މަންމަ ސަލްމާ ޚާނާއި ކޮއްކޮއިން ކަމަށްވާ އަރްބާޒާ ޚާނާއި ސުހައިލް ޚާނާއި އަލްވިރާ ޚާނާއި އަރްޕިތާ ޚާނެވެ. ސަލްމާންގެ އާއިލާ އަކީ ބޮޑު އާއިލާއަކަށް ވިޔަސް މި ފޮޓޯ އިން އެ އާއިލާގެ މުހިއްމު ގިނަ ބަޔަކު ނެތެވެ.
އޭގެ ތެރޭގައި ދޮންމަންމަ އަދި ކުރީގެ ބަތަލާ ހެލެން އާއި އަލްވިރާގެ ފިރިމީހާ ފިލްމު ޕްރޮޑިއުސަރު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީ އާއި އަރްޕިތާގެ ފިރިމީހާ އެކްޓަރު އާޔޫޝް ޝަރުމާ އާއި އެ މީހުންގެ ދަރިންނެވެ.
ސަލްމާން މިހާތަނަށް ކައިވެންޏެއްކޮށްފައި ނުވާ އިރު، އޭނަގެ ދެ ފިރިހެން ކޮއްކޮއިންގެ ކައިވެނިތައް ވަނީ ރޫޅިފަ އެވެ.
ދެ ކުދިން ލިބިފައި ވަނިކޮށް ސުހައިލްގެ ކައިވެނި ނިމުމަކަށް އައީ މިދިޔަ އަހަރު އެވެ. މިހާރު އެކްޓަރު އަރުޖުން ކަޕޫރާ ރައްޓެހިވެގެން އުޅޭ މަލައިކާ އަރޯރާ އާއި އަރްބާޒްގެ ކައިވެނި 2017 ރޫޅުނު އިރު، ފިރިހެން ދަރިއަކު ލިބިފައިވެ އެވެ.
އަލްވިރާގެ ވެސް ދެ ކުދިން ތިބި އިރު، އަރްޕިތާގެ ވެސް ދެ ކުދިން އެބަތިއްބެވެ.