"ބިންވެރިޔާ" ސްކީމް ލިސްޓުގައި އޮތީ ބިދޭސީ 3 ބިދޭސީއެއްގެ ނަން ކަމަށާއި އެކަން އިސްލާހު ވާނެ ކަމަށް ހައުސިންގް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ތަޢާރަފް ކުރެވުނު ބިންވެރިޔާ ސްކީމުގެ ދަށުން، ބިން ލިބޭ ފަރާތްތައް ޕްލޭނިނިންގް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. ލިސްޓުގައި ތަފާތު ގިނަ މައްސަލަތައް ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ހިއްސާ ކުރަމުންނެވެ. އެގޮތުން ލިސްޓުގައި ބިން ލިބޭ ފަރާތްތަކަށް ދާދިފަހުން ދިވެހި ރައްޔިތުކަން ލިބުނު ބިދޭސީން ހިމެނޭ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން 10 ބިދޭސީއެއް ލިސްޓުގައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.
މިކަމަށް ޖަވާބު ދެއްވައި، ކުރެއްވި ޓްވީޓެއްގައި ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ އެ ޕޯސްޓުގައި ފާހަގަކުރާ 10 މީހުންގެ ތެރެއިން ވަގުތީ ލިސްޓުގައި އޮތީ 3 މީހެއްގެ ނަން ކަމަށެވެ. އަދި ވަގުތީ ލިސްޓެއް ނެރުމަކީ މިފަދަ ކަންކަން އިސްލާހު ކުރުމަށް ހިންގޭ ޕްރޮސެސްއެއް ކަން އަކްރަމް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ދާއިމީ ލިސްޓު ނުކުންނާނީ އެކަންކަން ބެލި ރަނގަޅު ކުރުމަށް ފަހު ކަމަށް ވިދާޅުވިއެވެ.
މީ ރަގަޅު ވާހަކައެއް ނޫން ، މީ ގައި ވާ 10 މީހުން ގެ ތެރޭން ވަގުތީ ލިސްޓް ގައި ވަނީ ކުރިންވެސް ފާހަގަ ކުރެވުނު 3 މީހުން ، ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކި މިހެން ހުރި ކަންތައްތައް ދެނެގަނެ އިސްލާހު ކުރުމަށް ހިންގޭ ޕްރޮސެސްއެއް. 1/2 pic.twitter.com/hQPjpmyqm5
— Akram Kamaludeen (@Akramkdeen) June 29, 2023
ބިންވެރިޔާ ސްކީމުގައި ދިވެހި ރައްޔިތުކަން ދާދި ފަހުން ލިބުނު ބިދޭސީންގެ ނަން ހިމެނިފައި އޮތީ، ޑީއެންއާރުން ނަންނަތައް ބެލުމުން ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އެއީ ޑީއެންއާރު ނިޒާމުން އެފަރާތްތައް ރާއްޖެއިން ބޭރުގައި ރެޖިސްޓްރީ ވެފައިވާ ކަމަށް ނުދައްކާތީ ކަމަށް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ލިސްޓުގައި މީގެ އިތުރުންވެސް ހައުސިންގް މަޝްރޫޢޫތަކުގައި ބައިވެރިވި ފަރާތްތައް ތިބި ކަމަށް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. ނަމަވެސް ސްކީމުގެ އުސޫލުގައި އުފަންވީއިރުއްސުރެން، މާލެ ނޫން ތަނެއްގައި ރެޖިސްޓްރީ ނުވުމާއި ސަރުކާރުގެ ހައުސިންގް މަޝްރޫޢުއެއްގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން ޝަރުތުކޮށްފައިވެއެވެ.