Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޔޫކޭ ޓްރެވެލް އެޑްވައިޒަރީ ރާއްޖެއަކަށް ހާއްސަ ނުކުރޭ

އިނގިރޭސި ސަފީރު ކެރޮން ރޮސްލާ ---

އިނގިރޭސިވިލާތުގެ ޓްރެވެލް އެޑްވައިޒަރީ އަކީ ހަމައެކަނި ރާއްޖެއަށް ހާއްސަކޮށްފައިވާ އެއްޗެއް ނޫން ކަމަށް އިންގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވ، ރާއްޖެއަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބަލާ ޓްރެވެލް އެޑްވައިޒަރީއެއް އިންގިރޭސި ވިލާތުން ނެރެފި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކުރުމާއި ގުޅިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި އިންގިރޭސި ވިލާތުގެ ޓްރެވެލް އެޑްވައިޒަރީއަކީ މިމަހުގެ 22 ވަނަ ދުވަހު އަޕްޑޭޓް ކުރި އެއްޗެއް ކަމަށާއި، އެއީ އެއްވެސް ގޮތަކަށް ރާއްޖެއަށް ހާއްސަކޮށް ނެރެފައިވާ އެޑްވައިޒަރީއެއް ނޫން ކަމަށެވެ. އަދި މިކަމާއި ގުޅޭ ގޮތުން ހުރި މީޑިއާ ރިޕޯޓުތައް އެއްކޮށް ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ.


ޤައުމުތަކުން ނެރޭ ޓްރެވެލް އެޑްވައިޒަރީތަކަކީ، އެ ޤައުމެއްގެ ރައްޔިތުން އެހެން ޤައުމުތަކަށް ދަތުރުކުރާއިރު ސަމާލުކަން ދޭންވީ ކަންކަން ހިމަނައި އާންމު ކުރާ އެއްޗެކެވެ. މިފަދަ އެޑްވައިޒަރީތައް ޓެރަރިޒަމާއި ބަލި މަޑު ކަމާއި، އަދިވެސް ޤައުމުތަކުގެ ދަހިލީ ކަންކަމަށް ބަލައި އަބަދުވެސް އަދާހަމަ ކުރެއެވެ.

އިނގްރިރޭސި ވިލާތުގެ އިތުރުން އެމެރިކާއިންވެސް، ޓްރެވެލް އެޑްވައިޒަރީ ލެވެލް ވަނީ މަތިކޮށްފައެވެ. އިނގިރޭސި ވިލާތާއި އެއްގޮތަށް އެމެރިކާގެ އެޑްވައިޒަރީވެސް ލެވެލް މަތިކުރީ ހަމައެކަނި ރާއްޖެއަކަަށް ނޫނެވެ. މިމަހުގެ 23 ވަނަ ދުވަހު އެ އެޑްވައިޒަރީގައި ލެވެލް މަތިކޮށްފައިވަނީ ޓެރަރިޒަމް ހަމަލާއެއް ދީފާނެ ކަމަށް ބަލައެވެ. ނަމަވެސް އެ އެޑްވައިޒަރީގައި ރާއްޖޭގެ އިތުރުން މި ސަރަހައްދުން އިންޑިއާ، ލަންކާ، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްވެސް ހިމެނެއެވެ.

އަދި ޕާކިސްތާނަށް މި އެޑްވައިޒަރީގައި ލެވެލް 3 އަަށް މަތިކޮށްފައިވާއިރު، މިފަދަ ބަދަލުތައް އެމެރިކާއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި އަދި އެހެނިހެން ކަންކަމަށް ބަަލައި ބަދަލު ގެނެއެވެ.


ޓްރެވެލް އެޑްވައިޒަރީގެ ކަންކަން ސާފުކޮށްދެއްވި ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ އިނގިރޭސި ސަފީރަށް ޝުކުރު އަދާ ކުރައްވާފައެވެ.