އިމުގަ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ދެން، ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމު ޕްރިންޓުކޮށް ސްކޭން ކުރަން ނުޖެހޭ ގޮތަށް އިމުގަ ޕޯޓަލްއަށް ބަދަލު ގެނެސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަންއިން ގެނައި މި ބަދަލުގެ ސަބަބުން އިމުގެ ޕޯޓަލް އެއްކޮށް ޕޭޕަލެސް ކުރެވުނީއެވެ. އަދި މިއާއެކު ޕާސްޕޯޓު ހެއްދުމަށް އިމުގަ ޕޯޓަލްއަށް ވަދެ މިހާރު ފޯނު މެދުވެރިކޮށް އެޕްލިކޭޝަން ފުރާލެވޭނެ ކަމަށް، މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.
މީގެ ކުރިން ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓް ހައްދަން އެދޭއިރު، އެ ފޯމު ޑައުންލޯޑުކޮށް ފުރުމަށް ފަހު ސޮއި ކޮށްފައި ސްކޭންކޮށް އަޕްލޯޑު ކުރަން ޖެހެއެވެ. މިހެން އަޕްލޯޑު ކުރާއިރު ބައެއް ފަހަރު ސޮއި ދިމާ ނުވުމާއި ފޯމު ފުރިހަމަ ނުވެ އަޕްލޯޑުވުން ފަދަ ބައެއް މައްސަލަތައް ކުރިމަތިވެއެވެ.
ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް މުޅިން އައު ފަސޭހަ ބަދަލުތަކެއް!#DhivehiPassportService #IMUGA pic.twitter.com/aRBBInfLyH
— Maldives Immigration (@ImmigrationMV) June 29, 2023
މިމައްސަލަތައް ހައްލެއް ގޮތުގައި، އިމުގަ ޕޯޓަލްއަށް ގެނައި ބަދަލުން ފޯމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކުރެވި، ޕޯޓަލް ތެރެއިން އެޕްލައި ކުރެވޭނެއެވެ. އަދި އެޕްލިކޭޝަން ސްޓޭޓަސް ވެސް ވަގުތު ބަލާލެވޭނެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް އޮންލައިންކޮށްފައިވަނީ 2019 ވަނަ އަހަރު އެޕްރީލް މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން 2021 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިމިގްރޭޝަން ޚިދުމަތްތައް 24 ގަޑިއިރު އެދެވޭ ގޮތް ވަނީ ހަދާފައެވެ.