ޗެލްސީ އަށް ކުޅެމުން އައި އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރު މޭސަން މައުންޓް މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން ނިންމައިފި އެވެ.
މައުންޓް ،24، ޔުނައިޓެޑަށް ބަދަލުވާނީ 60 މިލިއަން ޕައުންޑްގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އުމުރުން ހަ އަހަރުގައި ޗެލްސީގެ އެކެޑެމީއާ ގުޅުނު މައުންޓް އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތްއިރު އޭނާގެ ކޮންޓްރެކްޓް އާކުރަން ޗެލްސީން މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް އެ މަސައްކަތަށް ކުރިއެރުމެއް ނުލިބުމުން ޗެލްސީން ވަނީ މި ޓްރާންސްފާ މާކެޓުގައި މައުންޓް ވިއްކާލަން ނިންމައިފަ އެވެ.
ޗެލްސީ އަށް 195 މެޗު ކުޅެދީ 33 ގޯލު ކާމިޔާބުކޮށްދިން މައުންޓް ވަނީ އެ ކްލަބާއެކު ޗެމްޕިއަންސް ލީގަކާއި، ޔޫއެފާ ސުޕަ ކަޕެއްގެ އިތުރުން ކްލަބް ވޯލްޑް ކަޕެއް ކާމިޔާބުކޮށްފަ އެވެ.
ޔުނައިޓެޑުން މައުންޓްގެ ސޮއި ހޯދާފައިވާއިރު އެ ކްލަބުން އަންނަނީ އިންޓަ މިލާނުގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ގަންނަން ވެސް މަސައްކަތް ކުރަމުންނެވެ. ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާގެ ކޮންޓްރެކްޓް މާދަމާ ހަމަވާއިރު އޭނާ އެ ކްލަބާއެކު އާ ކޮންޓްރެކްޓެއްގައި މިހާތަނަށް ސޮއިކޮށްފައެއް ނުވެ އެވެ.