ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ބެލްޖިއަމްގެ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ގަނެފި އެވެ.
ކަންޓޭ ،32، ގަނެފައިވަނީ ބެލްޖިއަމްގެ ތިންވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ރޯޔަލް އެކްސެލްސިއާ ވާޓަން އެވެ. މި ކްލަބް ކަންޓޭ ގަނެފައިވަނީ ކޮން އަގެއްގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. މި ކްލަބާއި ކަންޓޭ ރަސްމީކޮށް ހަވާލުވާނީ މާދަމާ އެވެ.
އެއްވެސް ދަރަންޏެއް ނެތި ހިންގަމުން އަންނަ މި ކްލަބުގެ ޑިރެކްޓަރުންގެ ބޯޑު ވަރަށް އަވަހަށް އެކުލަވާލާނެ ކަމަށް އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ކްލަބުގެ ޗެއާމަންގެ މަގާމުގައި މިވަގުތު ހުރި ފްލަވިއޯ ބެކާ ވިދާޅުވީ އެ ކްލަބުގެ ތަޅުދަނޑި ކަންޓޭއާ ހަވާލުކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. ކަންޓޭ އަކީ މޮޅު ކުޅުންތެރިއެއްގެ އިތުރުން މީހުންނަށް ވެސް ރަނގަޅު ފަރާތެއްކަން ފާހަގަކުރި އެވެ.
ފްރާންސުން ފުޓްބޯޅަ ކެރިއަރު ފެށި ކަންޓޭ ވަނީ ލެސްޓަ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ހޯދައިފަ އެވެ. އޭގެފަހުން ޗެލްސީ އަށް ބަދަލުވެ އެ ކްލަބާއެކު ވެސް ޕްރިމިއާ ލީގު ހޯދިއިރު ކަންޓޭ ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު، އިނގިރޭސި އެފްއޭ ކަޕް، ޔޫއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕެއް ހޯދައިފަ އެވެ.
ކަންޓޭ ދާދިފަހުން ވަނީ ޗެލްސީ ދޫކޮށްލުމަށްފަހު ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ކްލަބެއް ކަމަށްވާ، އަލް އިއްތިހާދަށް ބަދަލުވެފަ އެވެ.