Last Updated: May 10, 18:13
Friday, May 10, 2024
ދުނިޔެ

ފުރަތަމަ ޖީލުގެ އައިފޯނެއް އަލުން ނީލަމަކަށް

އެޕަލް ކުންފުނީގެ ފުރަތަމަ ޖީލުގެ އައިފޯނެއް އަނެއްކާ ވެސް މިއަދު ނީލަމެއްގައި ވިއްކައިލަން ހުޅުވާލައިފި އެވެ.

ދެހާސް ހަތެއްގައި އެންމެ ފުރަތަމަ ތައާރަފުކުރި 4ޖީބީ އައިފޯން ސްޓޮކްގައި ހިމެނޭ މި ފޯނު ނީލަމުގައި ވިއްކައިލަން ހުޅުވައިލީ އޮކްޝަން ހައުސްއެއް ކަމަށްވާ އެލްސީޖީ އޮކްޝަނުންނެވެ. ނުވެސް ކަނޑައި އޮތް މި އައިފޯނަށް ނީލަމުގައި 50،000-100،000 ޑޮލަރުގެ އަގެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ

މިކަމާ ބެހޭ ގޮތުން އެލްސީޖީ އޮކްޝަންސްގެ ބާނީ މާކް މޮންޓެރޯ ވިދާޅުވީ މި ފަހުން އައިފޯންގެ ކުރީގެ ބައެއް މޮޑެލްތަކަށް ވެސް ނީލަންތަކުގައި ރެކޯޑް އަގުތަކެއް ލިބިފައިވާތީ 4ޖީބީގެ އައިފޯނު ވެސް ބޮޑު އަގުގައި ވިކޭނެކަމާ ދޭތެރޭ ޝައްކު ނުކުރައްވާ ކަމަށެވެ.

"އަހަރެމެންނަށް ވަރަށް ބޮޑަށް ލަފާކުރެވޭ މަދުވެގެން އެއްލައްކަ ޑޮލަރު މިއަށް ލިބޭނެ ކަމަށް،" އޭނަ ވިދާޅުވި އެވެ. "އެހެންވީމަ ރެކޯޑް އަގަކަށް މި އުންމީދު ކުރަނީ."

މިދިޔަ ފެބްރުއަރީ މަހު ބޭއްވި ނީލަމެއްގައި ފުރަތަމަ ޖީލުގެ އައިފޯނެއް 63،356 ޑޮލަރަށް ވިކިފައިވެ އެވެ.

އެޕަލް އިން އައިފޯން ތައާރަފުކުރީ 2007 ގަ އެވެ. އޭގެ ފަހުން މިހާތަނަށް މި ފޯނުގެ އެތައް މޮޑެލްއެއް ނެރެފި އެވެ. އަދި ކުރިއަށް އޮތީ އައިފޯން 15 ލޯންޗްކުރުމެވެ. މީޑިއާތަކުބން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިފޯން 15 ސެޕްޓެމްބަރު 6 ގައި ދައްކައިލާނެ އެވެ.

އައިފޯނަކީ ސްމާޓްފޯނުގައި މިހާރު އެންމެ މަޝްހޫރު އެއް ބްރޭންޑެވެ.