ގެއްލިގެން ހޯދަމުންދިޔަ ދިވެހި ހައްޖުވެރިޔާ މުޙައްމަދު ނަސީމް ޢަލީ ނިޔާވެފައި އޮތްވާ ނޫރު ފަރުބަދައާއި ދިމާލުން ފެނިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އަލްޙަރަމައިން ހައްޖު ގުރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ (72) ގެއްލިގެން ހޯދަން ފަށާފައިވަނީ ހައްޖު މަހުގެ 8 ވަނަ ދުވަހުގެ ރޭ މިނާ ޓެންޓުން ނިކުތުމަށް ފަހު އަނބުރާ ނައައުމުން ކަމަށެވެ. އޭގެ ފަހުން ދިވެހި ޙައްޖު މިޝަނާއި، ސަޢުދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި، އަލްޙަރަމައިން ކުންފުނިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ.
ރޭގެ ދަންވަރު 1:55 އެހައިކަށްހާރިއިރު އޭނާ ނިޔާވެފައި އޮތްވާ ފެނުނީ ނޫރު ފަރުބަދައާއި ދިމާލުން ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ނަސީމް ގެއްލިގެން ހޯދަން ފެށީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ އެރޭ 11 ޖަހާ އެހައިކަށްހާއިރު ޓެންޓުން ނިކުތް ގޮތަށް އެއްވެސް ޚަބަރެއް ނުވާ ކަމަށް އަލްޙަރަމައިން ގުރޫޕާއި ހަވާލާދީ އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އޭނާ ހޯދުމަށް މިނާ، މުޒްދަލިފާ އަދި ޢަރަފާތުގެ އެކި ސަރަހައްދުތަކާއި ހޮސްޕިޓަލްތަކާއި ޕޮލިސް ސްޓޭޝަންތައް ވަނީ ބަލާފައެވެ.