Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

އާމިރު ލަވައެއް ރެކޯޑް ކުރުމުގައި؟

އެކްޓިން އިން ބްރޭކެއް ނަގައިގެން ހުރި ބޮލީވުޑްގެ ތަރި އާމިރު ޚާން މިހާރު ލަވައެއް ރެކޯޑްކުރަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މި ވާހަކައެއް އިއްޔެ އިން ފެށިގެން ދެކެވެން ފެށީ މިއުޒިކް ޑައިރެކްޓަރު ރާމް ސަމްޕަތުގެ ރެކޯޑިން ސްޓޫޑިއޯގައި އާމިރު އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް އިއްޔެ، ރާމްގެ ބައިވެރިވެރިޔާ ލަވަކިޔުންތެރިޔާ ސޯނާ މަހާޕަޓްރާ އިންސްގްރާމް ސްޓޯރީގައި ޕޯސްޓްކުރުމާ ގުޅިގެންނެވެ. އެކަމަކު ސޯނާގެ އެ ވީޑިއޯއާގައި އިތުރު އެއްވެސް ތަފުސީލެއް ދީފައެއް ނުވެ އެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ބުނީ އާމިރު މިހާރު ލަވައެއް ރެކޯޑްކުރަނީ ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. ރާމް ސަމްޕަތަކީ އާމިރާ ވަރަށް ގާތްކަން އޮންނަ އޭނަގެ ބައެއް ފިލްމުތަކަށް މިއުޒިކް ހަދައިދީފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި 2012 ގެ "ތަލާޝް" އާއި 2009 ގެ "ޕީޕްލީ ލައިވް" ހިމެނެ އެވެ.

އާމިރު މީގެ ކުރިން އޭނަގެ ފިލްމަކަށް އަމިއްލަ އަޑުން ލަވައެއް ރެކޯޑްކުރި އެވެ. އެއީ 1998 ގެ ފިލްމު "ގުލާމް" އަށެވެ. އެ ފިލްމަށް އޭނަ އާއި އަލްޔާ ޔަގްނިކް ކިޔާފައިވާ "އާތީ ކިޔާ ކަންޑާލާ" އަކީ ވަރަށް މަޝްހޫރުވި ލަވައެކެވެ.

އާމިރު، 58، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ލާލް ސިންގް ޗައްޑާ" އެވެ. އޭނަ އެކްޓިން އިން ބްރޭކެއް ނެގީ އެ ފިލްމު ބޮޑު ތަނުން ފްލޮޕްވުމުންނެވެ.