Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

އީދު ފާހަގަ ކުރަން ފެން ޖެހުން މަނާ

އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން އައްޑޫގައި މީހުންގެ ގަޔަށް ފެން ޖެހުން ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ "“އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން އެކިއެކި ކުޅިވަރުތައް ކުޅެއުޅުމަކީ، ދިވެހިންގެ ޒަމާންވީ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް. އެހެންނަމަވެސް ފަހަކަށްއައިސް ދިވެހިންގެ ސަގާފަތާއި ނުގުޅޭ އާދަތައް، އީދުގެ ކުޅިވަރުތައް ކަމަށް ހަދައިގެން ކުރިއަށް ގެންދާތަން މަދުންނަމަވެސް އައްޑޫސިޓީން ވެސް އަންނަނީ ފެންނަމުން. މީގެތެރޭގައި ފެންނަހާ ބައެއްގެ ގަޔަށް ގަވާޢިދާ ޚިލާފަށް ފެންކޮތަޅު ޖަހަމުން ގެންދިއުން ހިމެނޭ" ކަމަށެވެ.

ނަމަވެސް އީދުގެ މުނާސަަބާ ގުޅިގެން މަގުމަތީގައި ހިނގާ މިބާވަތުގެ ކަންކަމުގެ ސަބަބުން އާއްމު މަސްލަހަތަށް ބުރޫ އަރާ ކަމަށެވެ.

އެހެން ކަމުން އީދު ފާހަގަ ކުރުމުގެ ގޮތުން އައްޑޫގެ މަގުތަކުގައި ފެން ޖެހުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ އެއްވެސް ފަރާތަކުން އީދު ފާހަގަ ކުރުމުގެ ގޮތުން ހަރަކާތެއް ހިންގާނަމަ ކައުންސިލަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލްގެ ހުއްދަ ނެތި އެއްވެސް ފަރާތަކުން އީދު ފާހަގަ ކުރުމަށް ހަރަކާތެއް ނުހިންގޭނެ ކަމަށެވެ.