Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ގުޅިފައިވާ ކެންޑިޑޭޓެއްގެ ވާހަކައިން ޕީޕީއެމް ނުރުހިއްޖެ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ރިޔާސީ އިންތިހާބަށް މަޝްވަރާތަކެއް ކުރިއަށް ދަނިކޮށް، ޑިމޮރެކްޓްސް އަށް ނިސްބަތްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "އޯޝަން ވީކްލީ" އިން ގުޅިފައިވާ ކެންޑިޑޭޓެއްގެ ވާހަކަ ދައްކަން ފެށުމުން ޕީޕީއެމް އެކަމާ ނުރުހިއްޖެ އެވެ.

"އޯޝަން ވީކްލީ" ގެ މި ހަފުތާގެ ޝޯގައި "ޔާމީނެއް ވެސް ނޫން، ނަޝީދެއް ވެސް ނޫން؛ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް" މައުޟޫއަށް ވާހަކަ ދައްކަން އިއުލާންކުރުމުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ނުރުހުންވެވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އޯޝަން ވީކްލީން ވެސް މިހާރު ހުވަފެނީ ވާހަކަ ދައްކަން ފެށީ" ކަމަށެވެ.

"ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީ އަކުން 2023 އަށް ދެއްކި ރިޔާސީ ކެންޑިޑޭޓު. އަދި 23 ޖުލައިގައި އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނަށް ވަންނާނީ ވެސް އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް." ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވި އެވެ.

ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށް ބުނަމުން އަންނަ އިރު، އެ މަނިކުފާ ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންވެ އަދި ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ އެއްވެސް މަގެއް ފަހިވެފައެއް ނެތެވެ.

ދަ ޑިމޮކްރެޓްސް އަކީ ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާ ޕާޓީއެކެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ އަންނަ މަހުގެ 2 ގައި ދޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެ އެވެ. ޑިމޮރްކެޓްސްގެ އަމާޒަކީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމެވެ.