Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ރަވީނާގެ ދަރިފުޅުގެ ފިލްމު އަންނަ އަހަރު

އިންޑިއާގެ ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ ބޮލީވުޑަށް ތައާރަފުކުރަން ހަމަޖެހިފައިވާ ފިލްމަށް ތާރީހެއް ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރު "ޗަންދީގަޅް ކަރޭ އާޝިގީ" ގެނެސްދިން ޑައިރެކްޓަރު އަބީޝެކް ކަޕޫރް ހަދާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 9 ގަ އެވެ. ފިލްމުގެ ތާރީހު މިއަދު އިއުލާންކުރި ނަމަވެސް ބޮޑު ބަޖެޓަކުން ހަދާ މި އެކްޝަން އެޑްވެންޗާގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ.

އެކަމަކު ކުރިން ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތަށް މީގެ ކާސްޓްގައި އަޖޭ ދޭވްގަނާއި އޭނަ އަށް ބޮޑުބޭބެ ކިޔާ އާމަން ދޭވްގަން ހިމެނެ އެވެ. ފިލްމުގެ ލީޑް ތަރިންނަކީ ރަޝާ އާއި އާމަން އެވެ.

މި ހަފުތާގައި ބައެއް މީޑިއާތަކުން ބުނި ގޮތުގައި ފިލްމުގެ ކާސްޓްގައި ޓީވީ އެކްޓަރު މޯހިތު މަލިކް ވެސް ހިމެނެ އެވެ.

ރަވީނާގެ ދަރިފުޅު ބޮލީވުޑް ދަތުރު ފަށައިގަންނަ އިރު، މިދިޔަ މަހުގެ ތެރޭގައި އޭނަ ވަނީ ހައި ސްކޫލުން ވެސް ގްރެޖްއޭޓްވެފަ އެވެ.