Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

މުންކަރާތްތައް ނުހުއްޓުވާ ނަމަ ނަތީޖާ ހިތިވެދާނެ

އިލްޔާސް

މުންކަރާތްތައް ނުހުއްޓުވާނަމަ ނަތީޖާ ހިތިވެދާނެ ކަމަށް ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

އިލްޔާސް މިހެން ވިދާޅުވީ އީދު ފާހަގަކުރަން ގއ. ވިލިނގިލީގައި ބޭއްވި ޝޯއެއްގެ ތެރެއިން ނިވާކަން ކުޑަ ހެދުން ލައިގެން ހުށަހަޅައިދިން އައިޓަމަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން އިލްޔާސް ވިދާޅުވީ ކަނޑައެޅިގެން ދީނުގައި ޙަރާމް ކުރައްވާފައިވާ ކަންކަން އުފާފާޅުކުރުމުގެ ނަމުގައި ނުކުރުމަށާއި އެފަދަ ކަންކަމުގައި ބައިވެރިނުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކަމާބެހޭ މުއައްސަސާތަކުން މިފަދަ މުންކަރާތްތައް ނުހުހުއްޓުވުމަކީ އެފަރާތްތަކުން އެ މުންކަރާތްތަކަށް ހިތްވަރުދޭ ކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވި އެވެ.

"މިކަމުގެ ނަތީޖާ ވަރަށް ހިތިވެދާނެ." ޝައިހް އިލްޔާސް ވިދާޅުވި އެވެ.

ބުރުގާ އަޅައިގެން ތިބެ ނިވާކަން ކުޑަ ހެދުން ލައިގެން ހުށަހެޅި އައިޓަމާއި ގުޅިގެން ހެރިޖޭޓް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ ޢީދު ކުޅިވަރުގައި ވެސް އަދި އެހެނިހެން ކުޅިވަރުތަކުގައި ވެސް ހެދުން އެޅުމުގައި ކޮންމެވެސް ކަހަލަ މިންގަނޑުތަކެެއް ހުންނަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޢީދަކީ ރަށުގެ ކުދިބޮޑު އެންމެން އެއްވެ އުފާފާޅުކޮށް ސަގާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރުގެ ތެރެއިން އިޖުތިމާޢީ ރޫޙު އާލާ ކުރާ ދުވަސްވަރެއް ކަމަށް ޔުމްނާ ވިދާޅުވި އެވެ.