Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ސޮބޯސްލާއީ ލިވަޕޫލަށް ބަދަލުވެއްޖެ

އާރްބީ ލައިޕްޒިގްގެ މިޑްފީލްޑަރު ޑޮމިނިކް ސޮބޯސްލާއީ ލިވަޕޫލަށް ބަދަލުވާން ނިންމައިފި އެވެ.

ސޮބޯސްލާއީ ،22، ލިވަޕޫލަށް ބަދަލުވާނީ 60.1 މިލިއަން ޕައުންޑްގެ އަގަކަށް ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޖަރުމަނު ލީގުގެ ތިންވަނަ އަދި ޖަރުމަނު ކަޕް ލައިޕްޒިގަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ސޮބޯސްލާއީ ވަނީ އެ ކްލަބަށް ކުޅެދިން 91 މެޗުގައި 20 ގޯލު ކާމިޔާބުކޮށް 21 އެސިސްޓް ހަދައިފަ އެވެ. ސޮބޯސްލާއީ ލައިޕްޒިގާއި ގުޅުނީ 2021 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ.

ސޮބޯސްލާއީ އަކީ އަންނަ ސީޒަނަށް ލިވަޕޫލްގެ މެދުތެރެ ވަރުގަދަ ކުރަން ގެންނަ ދެވަނަ ކުޅުންތެރިއާ އެވެ. ލިވަޕޫލުން މީގެކުރިން ވަނީ ބްރައިޓަން އަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކަލިސްޓާ ވެސް އެ ކްލަބަށް ގެންގޮސްފަ އެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލްގެ މިޑްފީލްޑަރުންގެ ގޮތުގައި ތިބި ޖޭމްސް މިލްނާ އާއި ނަބީ ކެއިޓާގެ އިތުރުން އެލެކްސް އޮކްސްލޭޑް ޗެމްބަލޭން ވަނީ ދާދިފަހުން އެ ކްލަބް ދޫކޮށްލާފަ އެވެ.