މިދިޔަ މަހު ސައުދީ އަރަބިއްޔާ ޓީމަކަށް ބަދަލުވި ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ތަރި، ކަރީމް ބެންޒަމާގެ ބައިވެރިވާ ޖޯޑަން އޮޒޫނާ އިސްލާމްވެއްޖެ އެވެ.
މިކަމާ ބެހޭ ގޮތުން އޭނަ ބުނީ އިސްލާމްވީ މެޑްރިޑްގެ މިސްކިތެއްގައި ބޭއްވި ހަފުލާއެއްގައި ކަމަށެވެ. އަދި އެތަނުގައި ޤުރުއާން އަޑު އަހަން ލިބި، އޭގެ ސަބަބުން މީހާ ވަރަށް ބޮޑަށް ޖަޒުބާތީކޮށްލައި ލޯ ކަރުނުން ތެތްނައިލި ކަމަށް ބުންޏެވެ. އެމެރިކާގެ މޭރީލޭންޑަށް އުފަން ޖޯޑަން ބުނީ އިސްލާމްވުމަކީ ހަޔާތުގައި ނިންމުނު އެންމެ މުހިއްމު ނިންމުން ކަމަށެވެ.
"އަހަރެން މިހާތަނަށް އިސްލާމް ދީނާ ބެހޭ ވަރަށް ގިނަ މައުލޫމާތު ވެސް ހޯދައިފިން. ފާހަގަކުރެވުނު ކަމަކީ މި ދީނަކީ ވަރަށް ފުރިހަމަ މަތިވެރި ދީނެއްކަން." ޖޯޑަން ބުންޏެވެ. "އިސްލާމް ދީނާ ބެހޭ މައުލޫމާތު ލިބޭ ވަރަކަށް އެ ދީނަށް އޮތް އޮތް ލޯތްބާއި ޝައުގުވެރިކަން ވަނީ އިތުރު."
އޭނަ ބުނީ އިސްލާމްވުމަށް ފަހު ފުރަތަމަ ފަހަރަށް މިދިޔަ ރަމަޟާން މަހު ރޯދަ ވެސް ހިފި ކަމަށާއި އޭގެ ސަބަބުން ރޫހާނީ ގޮތުންނާއި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް މީހާ އަށް ވަރަށް ބޮޑަށް ބަދަލެއް ގެނުވައި ދިން ކަމަށެވެ.
"ރޯދަ މަހު ވަރަށް ގިނައިން ޤުރުއާން ކިޔެވުމުގެ ތެރޭގައި އުޅެވުނު. ޤުރުއާން ކިޔެވީމަ އެ ލިބޭ ހިތްހަމަޖެހުމަކީ ބުނެދޭން ވެސް ނޭނގޭހާ އުފާވެރި އިހުސާސްތަކެއް. ޤުރުއާނަކީ ވަރަށް މަތިވެރި ފޮތެއް،" ޖޯޑަން ބުންޏެވެ. "ނަސާރާ ދީން ދޫކޮށް އިސްލާމް ދީން ގަބޫލު ކުރުމަކީ ހަޔާތުގައި އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް. އެކަމަށްޓަކައި ޝުކުރު ކުރަން."
ބެންޒެމާއާ އެކީ މިހާރު ސައުދީގައި ދިރިއުޅެމުން ޖޯޑަން ބުނި ގޮތުގައި ސައުދީގެ ސަގާތަށް އޭނަ އަންނަނީ ހޭނެމުންނެވެ. އަދި ހަޔާތަށް ހެޔޮ ބަދަލުގެ ސަބަބުން ސައުދީގައި ދިރިއުޅުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.
ރެއާލް މެޑްރިޑަށް ކުޅެމުން އައި އަދި ހަތަރު ދަރިން ތިބި ބެންޒެމާ، 35، ސައުދީގެ އަލް އިއްތިހާދަށް ބަދަލުވީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. ބެންޒެމާ އާއި ޖޯޑަން އަށް ވެސް ދަރިޔަކު ލިބިފައިވެ އެވެ.