Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ކައިވެނި ކުރަން އަދި މާ ޅަ: އަނަންޔާ

ކައިވެނި ކުރާ ވަރަށް ވުރެ އަދި މާ ޅަ ކަމަށާއި އެހެންވެ އެފަދަ ޕްލޭނެއް ވެސް މި ވަގުތަކު ނެތް ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ބުނެފި އެވެ.

އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ވަގުތު ހުރިހާ ފޯކަސް އަކީ ފިލްމީ ކެރިއަރު ކަމަށެވެ. އެހެންވެ ކައިވެންޏަކާ ދޭތެރޭ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް 24 އަހަރުގެ ބަތަލާ ބުންޏެވެ.

"ކައިވެނި ކުރާ ވަރަށް ވުރެ އަދި އަހަރެން މާ ޅަ." އަނަންޔާ ބުންޏެވެ.

އަޑުތައް އަރާފައިވާ ގޮތުގައި ކުރިއަރަމުން އަންނަ ބަތަލާ މިހާރު ރައްޓެހިވެގެން އުޅެނީ "އާޝިގީ 2" ގެ ބަތަލު އަދިތިޔާ ރޯއި ކަޕޫރާ އެވެ. އަދި އެ މީހުންގެ ގުޅުމަށް އާއިލާ އިން ވެސް ރުހުން ލިބިފައިވެ އެވެ. މި ފަހުން ވަރަށް ގިނައިން އެކީގައި އަނަންޔާ އާއި އަދިތިޔާ އެކިއެކި އިވެންޓްތަކުން ވެސް ފެންނަކަން ފާހަގަކުރެވެ އެވެ.

އަދިތިޔާއާ ރައްޓެހިވުމުގެ ކުރިން އަނަންޔާ އާއި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޙައްތަރު ވެސް ރައްޓެހިވި އެވެ. ދެ ތަރިން އެކީގައި ފިލްމެއް ވެސް ކުޅުނެވެ. އެއީ 2020 ގެ "ކާލީ ޕީލީ" އެވެ. އަނަންޔާ އާއި އިޝާން ރުޅިވީ 2021 ގަ އެވެ.

ދެހާސް ނަވާރައިގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް އަނަންޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮގަސްޓްގައި ގެނެސްދިން "ލައިގާ" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އޮގަސްޓް 25 އަށް ތާވަލުކޮށްފައި އޮތް "ޑްރީމް ގާލް" އިންނެވެ.

އަނަންޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކޯ ގަޔޭ ހަމް ކަހާ" އާއި "ކޮންޓްރޯލް" އަދި އަކްޝޭ ކުމާރާ އެކީ ކުޅޭ ޕީރިއަޑް ފިލްމެއް ހިމެނެ އެވެ.