މި އަހަރުގެ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަނަށް މި މަހުގެ 16 ގައި ހުޅުވައިލަން ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެތަނުން ބުނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމާފައި ވަނީ މި މަހުގެ 16 އިން ފެށިގެން 29 ގެ ނިޔަލަށެވެ. އަދި ޖުލައި 30 އިން ފެށިގެން އޮގަސްޓް އަށް 5 ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުންނެވެ.
ރީ-ރަޖިސްޓްރޭޝަނަށް ހުޅުވައިލާ އިރު، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި ޖުމްލަ 551 ޝަކުވާއެއް ހުށަހެޅުމުން އެ ޝަކުވާތަކަށް ޖަވާބު ދީ ނިންމާފައިވާ ކަމަށް އީސީން ބުންޏެވެ. އަދި ވަރަށް އަވަހަށް ދާއިމީ ލިސްޓް އާންމުކުރާނެ އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުޅުވައިލަން ނިންމާފައި ވަނީ މި މަހުގެ 23 ގަ އެވެ. އަދި އެ ފުރުސަތު އޮންނާނީ އޮގަސްޓް 7 އާ ހަމައަށެވެ.
ސެޕްޓެމްބަރު 9 އަށް 18 އަހަރު ފުރޭ 282،672 މީހުންނަށް މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.