މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިލިއަނަކަށް ޖުލައި މަހު މެދުތެރޭ އަރާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ލަފާކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން މިގޮތަށް ލަފާކޮށްފައިވަނީ އެންމެ ފަހުން ނެރުނު މޯލްޑިވްސް ޓުއަރިޒަމް އަޕްޑޭޓުގައެވެ. މިގޮތުން މިހާރު ފަތުވެރިން އަންނަ ނިސްބަތަށް ބަލާއިރު ދުވާލެއްގެ މައްޗަށް 4300 ފަތުރުވެރިން އަންނަ ކަމަށްވަންޏާ މި ޖުލައި މަހުގެ 3 ވަނަ ހަފުތާގެ ތެރޭ ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިނިސްޓްރީން މިގޮތަށް ލަފާ ކުރާއިރު، މިހާރުވެސް މިދިޔަ ޖުލައި މަހުގެ 28 ގެ ނިޔަލަށް 920،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 14.2 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި ކޯވިޑުގެ ކުރިން 2019 އިގެ އަދަދުތަކާއި އަޅާބަލާއިރު 7.7 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ އިތުރުން އިންޑިއާ، ރަޝިއާ، ޖަރުމަން އަދި އިންގިރޭސިވިލާތާއި އިޓަލީން ވަނީ ފަތުރުވެރިކަމުގެ އެންމެ ރަނގަޅު 5 މާކެޓުގެ ގޮތުގައި މިއަހަރު ފައިހަމަ ކޮށްފައި ކަން މިނިސްޓްރީން ފާހަގަ ކުރެއެވެ. އަދި މިއަހަރު ކުރީކޮޅު ދަތުރުތައް ފެށި ޗައިނާ މާކެޓު ވަނީ 6 ވަނައިގެ ހިފަހައްޓައި ފަތުރުވެރިންގެ އަދަދަތަށް ރަނގަޅުކޮށްފައެވެ. ޗައިނާ އަކީ 2019 އާއި ހަމައަށް އެއްވަނަ މާކެޓެވެ.
ޓުއަރިޒަމް މިނިސްޓްރީން މިއަހަރު އަންނާނެ ކަމަށް އަހަރުގެ ކުރީކޮޅު ލަފާކޮށްފައިވަނީ 1.8 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް މިހާރު ހުރި ޓްރެންޑުތަކަށް ބަލައި މިއަދަދު ފަހަނަޅައި ދާނެ ކަމަށް ޤަބޫލު ކުރެއެވެ. އަދި މިއަހަރު ކޯވިޑުގެ ހާލަތުގެ ކުރިއަށްވުރެ ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެގެން ދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.