ބޮޑު އީދު ފާހަގަކުރަން އައްޑޫ ސިޓީ ކައުންސިލުން "އައްޑޫ އީދި ސަމާ" ގެ ނަމުގައި މި ފަހަރު ބާއްވާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ އެންމެ ފަހު ހަރަކާތް ކަމަށްވާ މިއުޒިކް ޝޯ މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބާއްވާ މި ޝޯގެ އެންމެ ފަހުގެ ތައްޔާރީތައްވެ ނިމިފައިވާ އިރު، ޝޯގައި ޕާފޯމްކުރާ އައްޑޫން ބޭރު ފަންނާނުން ވެސް އައްޑު އަށް ވަނީ އައިސްފަ އެވެ.
އޭގެ ތެރޭގައި އިންޑިއާ ފުރާވަރުގެ ލަވަކިޔުންތެރިޔާ މުހައްމަދު ފައިޒް ހިމެނެ އެވެ. އޭނާ އައްޑު އަށް އައީ އީއްޔެ މެންދުރު ވަގުތެއްގައެވެ.
ފައިޒްގެ އިތުރުން އައްޑޫ އީދުގައި ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި ބޭންޑްތަކެއް ޕަފޯމްކުރާނެ އެވެ. އޭގެ ތެރޭގައި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މެޒޯ މުހައްމަދާއި ޝަމްވީލާއި ހިމެނެ އެވެ. ޝޯގައި ޕަފޯމްކުރާނެ ބޭންޑްތަކުގެ ތެރޭގައި ބްލެކް ޕާލް އާއި ވައިޓް ޓާން ހިމެނެ އެވެ.
މިރޭގެ އީދު ޝޯގެ ތެރޭގައި ހަވާ އަރުވަން ވެސް ކައުންސިލުން ނިންމާފައިވެ އެވެ. ޝޯ ފަށަން ހަމަޖެހިފައިވަނީ 8:00 ޖަހާއިރު ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
"އައްޑޫ އީދި ސަމާ" ގައި މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ވަރަށް ގިނަ ހަރަކާތްތަކެއް މިހާތަނަށް ވަނީ ބާއްވައިފަ އެވެ. އޭގެ ތެރޭގައި އެކި އަވަށްތަކުގައި ކުރިއަށް ގެންދިޔަ ތަފާތު އެކި ކަހަލަ ކުޅިވަރު މުބާރާތްތައް ހިމެނެ އެވެ. މިކަމުގައި އައްޑޫގެ އެކިއެކި ޖަމިއްޔާތަކުގެ ހިއްސާ ވެސް ވަރަށް ބޮޑެވެ.