Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އެމްޕީއެލުން ހިންގި މުއާމަލާތްތަކެއް ބަލަނީ

އާންމުކޮށް އިއުލާން ނުކޮށް އަދި ބީލަމަށް ވެސް ނުލައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) އިން 86 މިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދާފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

މިކަން ކަށަވަރުކޮށް ދެމުން އެ ކުންފުނިން ބުނީ ތަހުގީގު ކުރަނީ 2015-2017 ގެ މުއާމަލާތްތަކެއްގެ މައްސަލަ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އެހެން މީޑިއާއަކަށް ވިދާޅުވީ އުސޫލުތަކުގެ ބޭރުން ހިންގި މުއާމަލާތްތަކުގެ މައްސަލަ އޭސީސީން ތަހުގީގުކުރަމުން އަންނަ އިރު، އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ވެސް ދެއްވި އިރުޝާދާ އެއްގޮތަށް ކިުންފުނިން މިހާރު އެ މުއާމަލާތްތަކާ ގުޅިގެން އަމަލު ކުރަމުން އަންނަ ކަމަށެވެ. އޭނަ ވިދާޅުވީ އޭސީސީން މައްސަލަ ނިންމައި، ދޭ އިރުޝާދާ އެއްގޮތަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާރު އެމްޕީއެލްގެ ކުންފުނީގެ ހުރިހާ ކަމެއް ވަރަށް ބޮޑަށް ހަރުދަނާ ކުރެވިފައިވާ ކަމަށާއި، މަސައްކަތްތައް ކުރިއަށް ދަނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

އޭސީސީން މައްސަލަ ބަލަމުން އަންނަ އިރު، އުސޫލުން ބޭރުން މުއާމަލާތްތައް ހިންގުމުގައި ތުހުމަތު ކުރެވޭ މީހުން އަދިވެސް މަގާމުތަކުގައި ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މިދިޔަ މާޗް މަހުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްފައި އޮޑިޓަ ޖެނަރަލް ވިދާޅުވެފައިވެ އެވެ.