މި އަހަރު ރިލީޒްކުރާ ޝާހްރުކް ޚާންގެ ދެވަނަ ފިލްމު "ޖަވާން" ގެ ޓީޒާ ޓްރެއިލާ މި މަހުގެ 7 ގައި އާންމުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ޓީޒާ ދައްކައިލަން ފިލްމުގެ ޓީމުން ތައްޔާރީތައް ވަމުން އަންނަ އިރު، ޝާހްރުކްގެ ފިލްމަކުން ބެލުންތެރިން އުންމީދުކުރާނެ ހުރިހާ ރަހައެއް އޭގައި ހިމަނަން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މި މަހުގެ 7 ގައި "ޖަވާން" ގެ ޓީޒާ އާންމުކުރާނެ ކަމަށް މީޑިއާތަކުން ބުންޏަސް، ފިލްމުގެ ޓީމުން އަދި ރަސްމީކޮށް އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
ނަމަވެސް މި ފަހުން ޓްވިޓާގައި ޝާހްރުކާ އެންމެ ގިނައިން ކުރެވޭ ސުވާލަކީ ޓީޒާ ދައްކައިލާނެ އިރަކާ ބެހޭ ގޮތުން އަންނަ ސުވާލުތަކެވެ. އެގޮތުން މިދިޔަ ހަފުތާގައި ކުރިއަށް ގެންދިޔަ "އާސްކް އެސްއާރްކޭ" ސެޝަންގައި އެކަމާ ބެހޭ ގޮތުން ކުރެވުނު ސުވާލެއްގެ ޖަވާބުގައި ޝާހްރުކް ބުނީ ޓީޒާ މިހާރު އޮތީ ތައްޔާރަށް ކަމަށެވެ.
"ޖަވާން" އަކީ ޖެނުއަރީގައި ރިލީޒްކުރާ "ޕަތާން" އާ އެއްގޮތަށް އެކްޝަން ތުރިލާއެކެވެ. އަދި ގިނަ ބަޔަކު އެންމެ ބޮޑަށް ބަލަން ބޭނުން ވަނީ ބޮލީވުޑްގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ފިލްމުގެ ރެކޯޑް "ޖަވާން" އަށް މުގުރައިލެވޭނެތޯ ބެލުމެވެ. ސިދާތު އާނަންދު 28 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޕަތާން" އަކީ ބޮކްސް އޮފީހުގައި 130 މިލިއަން ޑޮލަރު ހޯދި ފިލްމެކެވެ.
"ޖަވާން" ހަދާފައި ވަނީ 26.8 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
ޝާހްރުކް ޑަބަލް ރޯލަކުން ފެންނާނެ "ޖަވާން" ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ ސެޕްޓެމްބަރު 7 ގަ އެވެ. އޭނަގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އެޓްލީ އެވެ. "ޖަވާން" ގެ ކާސްޓްގައި ނަޔަންތަރާ، ވިޖޭ ސެތުޕަތީ، ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ.
މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި ދީޕިކާ ޕަދްކޯންގެ އިތުރުން ތަމަޅަ އެކްޓަރު ވިޖޭ ވެސް ފެންނާނެ އެވެ.
"ޖަވާން" އަށް ގިނަ ބަޔަކު އިންތިޒާކުރަމުން އަންނަ އިރު، ޝާހްރުކްގެ "ދުންކީ" ޑިސެމްބަރަށް ތާވަލުކޮށްފައިވެ އެވެ. މިއީ ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ ސޯޝަލް ކޮމެޑީއެކެވެ.