Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ޑިމޮކްރެޓްސްގެ ހަރަކާތްތަކުން ނަޝީދު ދެން ފެންނާނެ

ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުން ދެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެންނާނެ ކަމަށް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީގެ މެނިފެސްޓޯ އެކުލަވައިލަން ފުވައްމުލަކުގައި ބޭއްވި ވޯކްޝޮޕް ތެރޭގައި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ހެންވޭރުގެ ދާއިރާގެ މެމްބަރު ވިދާޅުވީ ދެން ޑިމޮކްރެޓްސް އާއި ބާއްވާ އެއްވުންތަކާއި އެ ނޫން ވެސް ސިޔާސީ ހަރަކާތްތަކުން ނަޝީދު ދެން ފެންނާނެ ކަމަށެވެ.

ޑިމޮރެކްޓްސް ރަޖިސްޓްރީކުރަން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިދިޔަ މަހުގެ 24 ގަ އެވެ. އެކަމަކު އީސީގެ މެމްބަރުންގެ މެދުގައި، ޕާޓީ އުފައްދަން ހުއްދަ ދިނުމާ މެދު ހިޔާލު ތަފާތުވުންތައް އުފެދި، ހުއްދަ ދިނުން ފަސްކުރި އެވެ. ނަމަވެސް ފަހުން އީސީން ނިންމާފައި އޮތީ މާދަމާ އެ ހުއްދަ ދޭ ގޮތަށެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީވުން ލަސްވިޔަސް އެ ޕާޓީން އަންނަނީ ސިޔާސީ އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ. އޭގެ ތެރޭގައި މާލޭގައި ހަރުގެ ޖަލްސާތައް ބޭއްވުމާއި އަދި މާލެ އާއި އަތޮޅު ތެރޭގައި އިިންތިހާބުގެ ކެމްޕޭންތަކާއި މެނިފެސްޓޯއާ ގުޅޭ ބައްދަލުވުންތައް ހިމެނެ އެވެ.

އެކަމަކު މިއިން އެއްވެސް ކަމެއްގައި ނަޝީދު މިހާތަނަށް ބައިވެރިވަޑައެއް ނުގަންނަވަ އެވެ. ނަޝީދު ރައީސަކަށް ހުންނެވި އެމްޑީީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ މަހުގެ 21 ގަ އެވެ. ދަ ޑިމޮރެކްޓްސް އަކީ ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީއެކެވެ.

"އިރާދަކުރެއްވިޔާ މުޅި ރާއްޖޭގައި އަނެއްކާ ވެސް ޑިމޮކްރެޓުން ފެތުރިގަންނާނެ. އަޅުގަނޑުމެންނާ އެކު ދެން ޖަލްސާތަކުގައި ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ." ހަސަން ވިދާޅުވި އެވެ.

މީގެ މަސައްކަތް ފެށުނީ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުންނެވެ. އެކަމާ ގުޅިގެން ނަޝީދު ޕްރައިމަރީގެ ޝިއާރަކަށް ބޭނުންކުރެއްވި "ފިކުރެއްގެ ދިރުން" ބަދަލުވެގެން ދިޔައީ އެމްޑީޕީ އާއި ސަރުކާރާ ދެކޮޅަށް ފެށި ސިޔާސީ ވަކި ހަރަކާތަކަށެވެ.

ޑިމޮކްރެޓްސްގެ އަމާޒަކީ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމެވެ.