Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ކުވެއިތު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

ބަންގްލަދޭޝް އަތުން 1-0 އިން މޮޅުވެ ކުވެއިތުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ކުވެއިތަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދައުވަތުދީގެން ކުޅޭ ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ. ފައިނަލްގައި ކުވެއިތު ބައްދަލުކުރަންޖެހޭ ޓީމު އެނގޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީގައި އިންޑިއާ އާއި ލުބްނާން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. ލުބްނާނަކީ ވެސް މިފަހަރު ދައުވަތު ދީގެން މި މުބާރާތުގައި ކުޅޭ ޓީމެކެވެ.

އިންޑިއާގެ ބެންގަލޫރްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެފަ އެވެ. ނަމަވެސް ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ކުވެއިތުން ތަނަވަސްކުރި އިރު އެޓީމުން ފޮނުވާލި ގިނަ ހަމަލާތައް ދިފާއުކުރުމުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަހްމާންގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެ އެވެ.

ބަންގްލަދޭޝް އަށް މި މެޗުގައި ގޯލްޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 60 ވަނަ މިނެޓްގަ އެވެ. އެގޮތުން ކުވެއިތުގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ރަކީބް ހުސެއިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ނަތީޖާ އަށް ބަދަލެއް އައިސްފައި ނުވުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެގޮތުން މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ކުވެއިތަށް 15 މިނެޓްގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އަބްދުﷲ އަލްބަލޫޝީ އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.