Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ރަންބީރްގެ "އެނިމަލް" ޑިސެމްބަރަށް ފަސްކޮށްފި

އަންނަ މަހު ރިލީޒްކުރަން އޮތް ރަންބީރް ކަޕޫރްގެ ފިލްމު "އެނިމަލް" ޑިސެމްބަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އަންނަ މަހުގެ 11 އަށް ތާވަލުކުރި ފިލްމު ފަސްކުރީ އޭގެ ވީއެފްއެކްސް އަށް އަދިވެސް ވަރަށް ގިނަ ވަގުތު ބޭނުންވާތީ ކަމަށެވެ. އެކަމަކު "އެނިމަލް" ޑިސެމްބަރަށް ފަސްކުރިކަން އެ ފިލްމު އުފައްދާ ޓީ ސީރީޒުން އަދި ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ

ނަމަވެސް ކުރިން ވެސް މި ފިލްމު ފަސްކޮށްފާނެ ކަމަށް އައީ ބެލެވެމުންނެވެ. އެއީ ސަނީ ޑިއޯލްގެ "ގަދަރު 2" ވެސް އޮގަސްޓް 11 އަށް ތާވަލުކޮށްފައި ވަނިކޮށް، އަކްޝޭ ކުމާރުގެ "އޯއެމްޖީ 2" ވެސް އެ ތާރީހުގައި ސިނަމާތަކަށް ގެންނަން ނިންމުމާ ގުޅިގެންނެވެ.
އަނެއްކޮޅުން "އެނިމަލް" އޮގަސްޓް 11 ގައި ނުގެނެސްދޭން ނިންމުމަކީ ރަންބީރަށް ފަހަރުގައި ހިތްހަމަޖެހުމަކަށް ވެސް ވެދާނެ އެވެ. ސަބަބަކީ އޭނަގެ އަންހެނުން މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" އެ ތާރީހުގައި ނެޓްފްލިކްސް ޕްރީމިއާކުރަން ހަމަޖެހިފައި އޮތުމުންނެވެ.

ޓޮމް ހާޕާ ޑައިރެކްޓްކުރި ސްޕައި ތުރިލާގެ ކާސްޓްގައި "ވޮންޑަ ވުމަން" ގަލް ގެޑޯ އާއި "ފިފްޓީ ޝޭޑްސް އޮފް ގްރޭ" ގެ އެކްޓަރު ޖެމީ ޑޯނަން ވެސް ހިމެނެ އެވެ.

އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އެނިމަލް" އަކީ ރަންބީރް ވަރަށް ތަފާތު ރޯލަކުން ފެންނާނެ ޑާކް ތުރިލާއެކެވެ. "ކަބީރް ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، އަނިލް ކަޕޫރް، ބޮބީ ޑިއޯލް އަދި ޓްރިޕްތީ ދިމްރީ ހިމެނެ އެވެ.