Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މިދިޔަ އަހަރު މީރާ އަށް 895 މިލިއަން ޑޮލަރު

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

މިދިޔަ އަހަރު ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 895 މިލިއަން ޑޮލަރު ލިބުނު ކަމަށް މިރާއިން ހާމަކޮށްފިއެވެ.

މިރާއިން މިކަން ހާމަކޮށްފައިވަނީ މީރާއިން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ. މި ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ ތެރެއިން މިރާއަށް 85.9 އިންސައްތަ އަކީ މިރާ މެދުވެރިކޮށް ލިބުނު އާމްދަނީއެވެ. އެގޮތުން މީރާ މެދުވެރިކޮށް 22.12 ބިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވާއިރު، މީގެ ތެރެއިން 62.1 އިންސައްތަ ލިބިފައިވަނީ ޑޮލަރު އާމްދަނީގެ ގޮތުގައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 42.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ދިވެހި ރުފިޔާއިން މިއީ 13.37 ބިލިއަން ރުފިޔާ ކަމަށް މީރާއިން ބުނެއެވެ.

މީރާއިގެ ޑޮލަރު އާމްދަނީގެ ގޮތުގައި 2021 ވަނަ އަހަރު ލިބިފައިވަނީ 626.24 މިލިއަން ޑޮލަރެވެ. މީގެ ކުރީން ޑޮލަރު އާމްދަނީ އެންމެ މަތިވެގެން ދިޔައީ 2019 ވަނަ އަހަރެވެ. އެ އަހަރު 653.72 މިލިއަން ޑޮލަރު ލިބުނެއެވެ. 2013 ވަނަ އަހަރުން ފެށިގެން މީރާގެ ޑޮލަރު އާމްދަނީ އެވްރެޖް ގޮތެއްގައި އިތުރުވަމުން އައިސްފައިވާއިރު، އެންމެ ދައްވީ ކޯވިޑުގެ ހާލަތުގައި 2020 ވަނަ އަހަރުއެވެ. އެއަހަރު ލިބުނީ 297.11 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރަކީ ޑޮލަރު އާމްދަނީ އެންމެ މަތިވެގެން ދިޔަ އަހަރަށްވީ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އަށް އައި ބަދަލާއި އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ޓެކްސްއަށް އައި ބަދަލުގެ ސަބަބުންނެވެ. މިގޮތުން އޭގެ ކުރިން އަހަރާއި އަޅައިބަލާއިރު އައި ފަތުރުވެރިންގެ އަދަދު 32.01 އިންސައްތަ އިތުރުވެފައި ވުމުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް މަތިވިކަން މީރާއިން ފާހަގަ ކުރެއެވެ. އަދި މި ފީ ނަގާފައިވަނީ ފުރާ މީހުންގެ ގިންތިއަށް ބަލައިގެން ކަމުން ފުރަތަމަ ކްލާސް ނަގާ ފަތުރުވެރިން އިތުުވުމުންވެސް އާމްދަނީ އިތުރުވިއެވެ.

މިދިޔަ އަހަރު މީރާއަށް ލިބުނު އާމްދަނީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.08 ބިލިއަން ރުފިޔާއެވެ. މިއީ 2021 ވަނަ އަހަރާއި އަޅާ ބަލާއިރު 34.9 އިންސައްތަ އިތުރު އަދަދެކެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.04 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރާއި އަޅައިބަލާއިރު 57.4 އިންސައްތަ އިތުރުވުމެކެވެ.