Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ލުބްނާން ބަލިކޮށް އިންޑިއާ ފައިނަލަށް

ޕެނަލްޓީގައި 4-2 އިން ލުބްނާން ބަލިކޮށް، އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މުބާރާތުގެ ފައިނަލްގައި އަންނަ އަންގާރަ ދުވަހު އިންޑިއާ ބައްދަލުކުރާނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދައުވަތުދީގެން ކުޅޭ ކުވެއިތާ އެވެ. ކުވެއިތް ފައިނަލަށް ދަތުރުކުރީ ސެމީގައި ބަންގްލަދޭޝް 1-0 އިން ބަލިކޮށްގެންނެވެ.

އިންޑިއާގެ ބެންގަލޫރްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެފަ އެވެ. މެޗުގެ ކުރީކޮޅު ލުބްނާނުން އިންޑިއާގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި އިންޑިއާގެ ގޯލްކީޕަރު ގުޕްރީތު ސިންހުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

ހާފުގެ ފުރަތަމަ ކޮޅުގައި ލުބުނާން ރަނގަޅަށް ކުޅުނު ނަމަވެސް އިންޑިއާ އިން ފަހުން މެޗު ތެރެއަށް ވަދެ ލުބްނާންގެ ގޯލަށް ނުރައްކާ ކުރަން ދިޔައީ މަސައްކަތް ކުރަމުންނެވެ. ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީ އަށް ލިބުނުއިރު އެޓީމުގެ ލާލިއަންޒުއާލާ ޗަންގްޓޭ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ނަތީޖާ އަށް ބަދަލެއް އައިސްފައި ނުވުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެ ހާފް ކުޅެގެން ވެސް ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. ޕެނަލްޓީގައި ޝޫޓްއައުޓުގައި އިންޑިއާ އިން ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރިއިރު ލުބްނާންގެ ލުބުނާންގެ ކެޕްޓަން މާތޫކް ފޮނުވާލި ޕެނަލްޓީ މަތަކުރީ އިންޑިއާގެ ކީޕަރު ގުޕްރީތެވެ. އަދި ޚަލީލް ބަދަރް ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑިމަތިން ބޭރަށް ދިޔުމާއެކު އިންޑިއާ ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

އިންޑިއާ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުވެސް މެ އެވެ.