Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ފެބްރިގާސް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ކުރިން ޗެލްސީ އާއި އާސެނަލް އަދި ސްޕެއިންގެ ގައުމީ ޓީމުން ފާހަގަވި މިޑްފީލްޑަރު ސެސްކް ފެބްރިގާސް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި އެވެ.

ކުޅުން ހުއްޓާލިއިރު ފެބްރިގާސްގެ އުމުރަކީ 36 އަހަރު އެވެ. ކުޅުން ހުއްޓާލިއިރު ފެބްރިގާސް ކުޅެމުންދިޔައީ އިޓަލީގެ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ކޯމޯ އަށެވެ. ކުޅުން ހުއްޓާލުމަށްފަހު ފެބްރިގާސް ވަނީ ކޯމޯގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖްގައި ފެބްރިގާސް ވަނީ އޭނާގެ 20 އަހަރުގެ ކެރިއަރުގައި ކްލަބް ލެވަލާއި ގައުމީ ޓީމުގައި ގިނަ ކަންތައްތަކެއް ހާސިލްކުރެވިފައިވާތީ އެކަންކަން އެ ގޮތަށް މެދުވެރިކޮށްދޭން އެހީތެރިވި ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ފެބްރިގާސް ވަނީ އާސެނަލް އާއި ޗެލްސީ އާއި ބާސެލޯނާ ފަދަ ކްލަބުތައް ކުޅެފަ އެވެ. އެގޮތުން ޗެލްސީއާއެކު ޕްރިމިއާ ލީގު ދެ ފަހަރު ފެބްރިގާސް ކާމިޔާބު ކުރިއިރު ބާސާއާއެކު ސްޕެނިޝް ލީގެއް އަދި އާސެނަލާއެކު ފެބްރިގާސް ވަނީ އެފްއޭ ކަޕެއް ކާމިޔާބުކޮށްފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕަކާއި ދެ ފަހަރެއްގެ މަތިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ފެބްރިގާސް ވަނީ އެޓީމަށް 110 މެޗު ކުޅެދީފަ އެވެ.