އާރްޓީއެލް ފެރީ ނިޒާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ވަރަށް ގުޅޭ ފެރީ ނިޒާމެއް ކަމަށް އުތުރު ރަށްތަކަށް އެ ނިޒާމުގެ ތެރެއިން ދަތުރު ކުރަމުންދާ ބްލައިންޑް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
ރާއްޖޭގެ ލޯފަން އަދި ލޮލުގެ ފެނުމަށް އެކިވަރުގެ އަސަރުކޮށްފައިވާ ފަރާތްތަކުގެ ހައްޤުގައި މަސައްކަތް ކުރާ ޖަމީއްޔާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ބައެއް މެންބަރުން އުތުރު ރަށްތަކަށް ކުރަމުން ގެންދާ ދަތުރުގެ ތެރެއިން އެ ޖަމީއްޔާގެ ދެ މެންބަރެއް ވަނީ އާރްޓީއެލް ދަތުރުފަތުރުގެ ނިޒާމުގެ ތަޖުރިބާ ހިއްސާކޮށްފައެވެ. އެ ޖަމީއްޔާގެ 2 މެންބަރުން ކަމަށްވާ އަބްދުﷲ ޒިޔާއު އަދި މުހައްމަދު މާޒިން ވަނީ އާރްޓީއެލްގެ ސަބަބުން އެފަރާތްތަކަށް ލިބިގެން ދިޔަ ފަސޭހަތައް ކިޔައިދީފައެވެ.
މިގޮތުން އާރްޓީއެލް ނިޒާމާއިއެކު މި ދަތުރުތަކުގެ ތެރެއިން އެންމެ ފުރަތަމަވެސް މާޒިން ފާހަގަކޮށްލީ، އެއިންނަށް ވަގުތަކަށް ރަށަކަށް ދެވޭނެ ކަމުގެ ޔަޤީންކަން އޮތް ވާހަކައެވެ. އަދި މުވައްޒަފުންގެ އެހީތެރިކަން ދެ ފަރާތުންވެސް ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. އެގޮތުން ބޯޓަށް އަރާ ހިސާބުން ފެށިގެން ގޮނޑިއާއި ހިސާބަށް ގެންގޮސްދީ، އަދި ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައިވެސް އެހީތެރިވެދޭ ކަމަށް ދެ ފަރާތުންވެސް ފާހަގަ ކުރިއެވެ.
"އާރްޓީއެލް ޚިދުމަތް ދޭން މި ތިބޭ ކްރޫ، ވަރަށް އަޅާލާ. ވަރަށް އެހީތެރިވޭ. ވަރަށް އޯގާތެރި. ހަމަ ނަމޫނާ މިސާލެކޭ ބުނެލާނީ " ޒިޔާއު ބުނިއެވެ.
މީގެ އިތުރުން ފެރީގެ ފާޚާނާ ޚިދުމަތަކީވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވިސްނައި، އެ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ފާހަނަތަކެއް ކަމަށް އެސޯސިއޭޝަނުން ބުނިއެވެ.
"ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކަށްވެސް، ކޮންމެ ފަރާތަކަށްވެސް އެ ފަހާނާ ބޭނުން ކޮށްލެވޭ. އަޅުގަނޑުމެން ފާހަގަކުރަން ވީލް ޗެއާގައި ވަންނަ ކުދިންނަށް ރެއިލިންގް އެބައިނދޭ. ބްލައިންޑް އަދި އެހެނިހެން ޑިސްއެބިލިޓީ ހުންނަ ފަރާތްތަކަށް ވަރަށް ފަސޭހަ ވަރަށް ތަނަވަސް ފާހާނާއެއްގެ ގޮތުގައި ފާހަގަ ކުރެވެނީ " މާޒިން ބުނިއެވެ.
އާރްޓީއެލް ޚިދުމަތް ބްލައިންޑް އެސޯސިއޭޝަނުން ދެނީ 100 އެވެ. އެއީ ދަތުރުކުރަން ފަސޭހަ، ވަގުތަށް ރަށްރަށަށް ދެވޭ އަދި މުވައްޒަފުންގެ އޯގާތެރިކަމާއި އަލާލުން ބޮޑުވުމުންނެވެ. އެސޯސިއޭޝަނުން އުތުރުގެ ދަތުރުގެ ތެރެއިން ނ. އަތޮޅުގެ ރަށްތަކާއި، ށ. އަދި ހއ. ރަށްތަކަށް ދަނީ ޒިޔާރަތް ކުރަމުންނެވެ. މި ދަތުރުތަކުގައި އެއް ރަށުން އަނެއް ރަށަށް ދިއުމަށް ބޭނުން ކުރަނީ އާރްޓީއެލް ފެރީ ނިޒާމެވެ.
އާރްޓީއެލް ޚިދުމަތް ހޯދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންސްޕާގެ ކާޑު އޮވެއްޖެ ނަމަ ހިލޭ ދަތުރު ކުރެވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ސީޓުތައްވެސް ފެރީގައި ހުރެއެވެ. މި ފެރީތަކުގެ ބޭނުން ގައިމުވެސް ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކުން މިވަނީ ފާހަގަކޮށްފައެވެ. ދަތުރު ފަތުރު ކުރުމަށް އެ ފަރާތްތަކަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކަށް މިއީ ސަރުކާރުން ގެނެސްދީފައިވާ މުހިންމު އެއް ހައްލެވެ.