ރާއްޖޭގެ ވެރިރަށް މާލެ އަށް އައިސްފައި އޮތް ތަރައްގީ އަކީ އަތޮޅުތަކުގެ ތަރައްގީ ގުރުބާންކޮށްފައި ގެނެސްފައި އޮތް ތަރައްގީއެއް ކަމަށް ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކުރޫ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމަށް ތާއީދުކުރައްވާ، އާޒިމާގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ހަމައެކަނި މާލޭގެ ތަރައްގީ އަށް އިސްކަން ދިނުމުހެ ނަތީޖާ އަކީ ތަފާތުކުރުންތަކާއި ބައިބައިވުންތަކަށް ވެސް މަގުފަހިވުން ކަމަށެވެ.
އޭނަ ވިދާޅުވި ގޮތުގައި މާލެ އަށް އައިސްފައި އޮތް ތަރައްގީ އަކީ އަތޮޅުތަކުގެ ތަރައްގީ އަށް އިސްކަން ނުދީ ގެނެސްފައި އޮޮތް ތަރައްގީއެއް ކަމަށާއި އެކަމަކު އެކަމުގައި އަތޮޅުތަކުގެ ރައްޔިތުންގެ ހިއްސާ އޮތް ކަމަށެވެ.
"މިކަން މިގޮތަށް ކުރާ ތަފާތުވުންތަކާއި ބައިބައިވުންތައް ވާނީ އިތުރު،" އާޒިމާ ވިދާޅުވި އެވެ. "ހުރިހާ ދިވެހިންނަކީ ވެސް ހަމަހަމަ ބައެއް."
މިހާތަނަށް ސަރުކާރުތަކުން މާލެ ތަރައްގީކުރަން އިސްކަން ދިނުމުގެ ނަތީޖާ އަކީ އެތައް ހިދުމަތެއް ހޯދުމަށްޓަކައި އަތޮޅުތަކުގެ ރައްޔިތުން މާލެ އަށް ހިޖުރަކުރަން މަޖުބޫރުކުރުވުމެވެ. މިކަމުގެ ސަބަބުން މާލެ އަށް ޑިމާންޑް ބޮޑުވެ،. ތޮއްޖެހުމާއި ދިރިއުޅުމުގެ ހަރަދުތަައް ވެސް ބޮޑުވެގެން ދިއުން ހިމެނެ އެވެ.