ދާދި ފަހުން ޝޫޓިން ނިންމައިލި ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރްގެ ފިލްމު "ދަ ކްރޫ" އަންނަ އަހަރުގެ މާޗް 22 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ތިން އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ކާސްޓްގައި ޒުވާން ބަތަލާ ކްރިތީ ސެނަން އާއި ތަޖުރިބާކާރު ބަތަލާ ތައްބޫ ވެސް ހިމެނެ އެވެ. "ދަ ކްރޫ" އިން ދިލްޖީތު ދޮސަންޖާއި އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ވެސް ފެންނާނެ އެވެ.
މި ފިލްމަކީ ކަރީނާ މުހިއްމު ރޯލެއް ކުޅުނު 2018 ގެ "ވީރޭ ދީ ވެޑިން" އަށް ފަހު، އެ ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ އެކްޓަރު އަނިލް ކަޕޫރްގެ ދަރިފުޅު ރިއާ ކަޕޫރާއި އެކްތާ ކަޕޫރް ގުޅިގެން ގެނެސްދޭ ދެވަނަ ފިލްމެވެ.
މުމްބާއި އާއި ގޯއާ އަދި އަބޫ ދާބީގައި ވެސް މަންޒަރުތަކެއް ނެގި "ދަ ކްރޫ" ގެ ޑައިރެކްޓަރަކީ ރާޖޭޝް ކްރިޝްނަން އެވެ.
މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާ ތާރީހު އިއުލާންކުރި އިރު، ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ އެކަމަކު ޝޫޓިން ނިންމާފައި އޮތް ކަރީނާގެ އެހެން ދެ ފިލްމެއް ވެސް އެބައޮތެވެ. އެއީ ސުޖޯއި ގޯޝް ޑައިރެކްޓްކޮށްފައިވާ ތުރިލާއަކާއި ހެންސަލް މެހެތާ ޑައިރެކްޓްކޮށްފައިވާ ތުރިލާއެކެވެ.
ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ލާލު ސިންގް ޗައްޑާ" އެވެ.