އައްޑޫއަށް ކޭބަލް ހިދްމަތް ދެމުން އަންނަ އައިލެންޑް ޓީވީން އެޗްޑީ ޕެކޭޖް އިންސްޓޯލްމެންޓަށް ދޫކުރާ ޕޮރޮމޯޝަނެއް ފަށައިފިއެވެ.
މީޑިއާ ނެޓްގެ ސަބްސިޑަރީ ކުންފުނި އައިލެންޑް ޓީވީގެ ރީޖަނަލް ސޭލްސް މެނޭޖަރ އިބްރާހިމް ޝިނާޒު މޫސާ، ވިދާޅުވީ އެޗްޑީ ޑީކޯޑަރު ޕްރޮމޯޝަންގައި ވިއްކަމުން ދަނީ 1850 ރުފިޔާއަށް ކަމަށެވެ. އަދި މި މަގުގެ 14 ވަނަ ދުވަހާއި ހަމައަށް ޑީކޯޑަރު ނަގާ ފަރާތްތަކަށް އިންސްޓޯލްމެންޓަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
އެޗްޑީ ހިދްމަތް ދޭން ފެށުމާއި ގުޅިގެން އެކުންފުނިން ދަނީ އިޝްތިހާރު ކުރުމަށް ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އިއްޔެ އައްޑޫ ސްޓޭޑިއަމް ސަރަހައްދުގައި ވަނީ ޕްރޮމޯޝަން ހަރަކާތްތަކެއް ބާއްވާފައެވެ.
ޝިނާޒު ވިދާޅުވީ، މިހާރު ބޭނުން ކުރަމުން އަންނަ ޑިޖިޓަލް ޑިކޯޑަރު އަނބުރާ ހަވާލު ކުރުމަށް ފަހު، އެޗްޑީ ޑިކޯޑަރު ނެގޭނެ ފުރުސަތު ވެސް ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން 699 ރުފިޔާއަށް ބައްލަވައިގެންފައިވާ ޑިކޯޑަރުގެ ތެރެއިން މައްސަލަ ނެތް ޑީކޯޑަރު އަނބުރާ އައިލެންޑް ޓީވީ އާއި ހަވާލުކުރުމުން އެ ޑީކޯޑަރު 699 އުނިކުރުމަށް ފަހު އެޗްޑީ ޑީކޯޑަރެއް ދޫކުރާނެކަމަށެވެ.
އަދި ފައިސާ ދެއްކުން 3-6 މަހާއި ދެމެދުގެ މުއްދަތަކަށް ހަމަޖައްސައި ދޭނެ ކަމަށެވެ.
އައިލެންޑް ޓީވީން ބުނީ އަލަށް ތައާރަފް ކުރި އެޗްޑީ ޕެކެޖް ފުރިހަމަވާއިރު 100 އަށް ވުރެ ގިނަ ޗެނަލްތައް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި 15 އެޗްޑީ ޗެނަލް ހިމެނެ އެވެ. މި ޕެކެޖްގެ އަގަކީ 420ރ. އެވެ.