އައްޑޫ މަރަދޫފޭދޫ އިންޑޯ ވޮލީ ކޮމްޕްލެކްސް ހަދައިދޭނެ ބަޔަކު ހޯދަން ކައުންސިލުން އަނެއްކާ ވެސް ބީލަމަށް ހުޅުވާލައިފި އެވެ.
މި މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ވެސް ތިން ފަހަރަށް ބީލަމަށްލި އެވެ. އެގޮތުން އެ އަހަރުގެ އެޕްރީލާއި މެއި މަހުގެ އިތުރުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ބީލަމަށްލި އެވެ.
މަރަދޫފޭދޫ އިންޑޯ ކޮމްޕްލެކްސް ހަތަރު ވަނަ ފަހަރަށް ބީލަމަށް ހުޅުވާލައި ކައުންސިލުން މިއަދު ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން މި މަހުގެ 6 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ރަޖިސްޓްރީކުރަން ހުޅުވާލައިފަ އެވެ. އަދި ރަޖިސްޓްރޭޝަނަށް 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.
މަރަދޫފޭދޫ ވޮލީ ކޮމްޕްލެކްސް ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000ރ. ހުށަހަޅަން ޖެހެ އެވެ. އަދި އޭގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް މި މަހުގެ 10 ގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ. އެ ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.