Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޔާމީންގެ ޝަރީއަތް މިއަދުވެސް ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި-

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފައިއޮތީ ހެނދުނު 09:00 އަށެވެ.

ނަމަވެސް މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފައިވަނީ މައްސަލައިގައި ދައުވާ ލިބޭ އަހުމަދު ކްރިކް ރިޟާ ބަލިވެ އުޅޭތީއެވެ. މި މައްސަލައިގައި އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުންތައްވެސް ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފައިވަނީ ކްރިކް ރިޟާގެ ސިއްހީ ހާލަތު ހުރިގޮތުންނެވެ.

މި މައްސަލައިގައި ހެކިބަސް ނެގުން ކުރިއަށްގެންދާއިރު، އިދު ބަންދަށް ދިއުމުގެ ކުރިންވެސް އަޑުއެހުންތަކެއް ވަނީ ފުލުފުލުގައި ކުރިއަށް ގެންގޮސްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ކުރިއަށްދާއިރު ހައިކޯޓުގައި އަންނަނީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައްވެސް ކުރިއަށްދަމުންނެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. މިމައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދައުވާ ކޮށްފައިވަނީ އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.