ސްރީ ލަންކަން އެއާލައިންސްގެ ދަރަނި މިހާރު 1.2 ބިލިއަން ޑޮލަރަށް އަރާ ކަމަށާއި އެ އެއާލައިނަކީ ފައިދާވާ އެއްޗަކަށް ހެދުމަށް އެ އެއާލައިންސް ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ލަންކާގެ ޕޯޓްސް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕީލާ ޑި ސިލްވާ ވިދާޅުވެއްޖެ އެވެ.
އެއާލައިންގެ ދަރިތަކުގެ ތެރޭގައި ލަންކާގެ ބޭންކްތަކުން ނަގާފައިވާ ލޯންތަކާއި އިންޓަނޭޝަނަލް ބޮންޑްތަކަށް ދައްކަން ޖެހިފައިވާ ފައިސާގެ އިތުރުން ކުއްޔަށް ބޯޓްައް ނަގައިގެން ދައްކަން ޖެހިފައިވާ ފައިސާތައް ހިމެނެ އެވެ.
ނިމާލް ވިދާޅުވީ ގައުމީ އެއާލައިންގެ ގޮތުގައި އޮޕަރޭޓްކުރާ ސްރީ ލަންކަން އެއާލައިންސް މިހާރު އޮތް ހާލަތަށް އަޅާނުލައި ދޫކޮށްލެވެން ނެތް ކަމަށެވެ. އެހެންވެ އެއާލައިން ރިސްޓްރަކްޗަކުރަން މިހާރުން މިހާރަށް މަސައްކަތްތެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ހަރަދުތައް ކުޑަކުރުމާ އެކީ، މީގެ ސަބަބުން މުވައްޒަފުންތަކެއްގެ ވަޒީފާ އަށް ވެސް އޭގެ ސަބަބުން އަސަރުކޮށްފާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނިމާލު ވިދާޅުވި ގޮތުގައި އެއާލައިން ރިސްޓްރަކްޗަކޮށް، ހިއްސާ ނުވިއްކައިފި ނަމަ 6،000 އެއްހާ މުވައްޒަފުން ވަޒީފާ ގެއްލުމުގެ ބިރު ވެސް އޮތް ކަމަށެވެ.
އޭނަ ވިދާޅުވީ ސްރީ ލަންކަން އެއާލައިންސް ކުރިން އެމިރޭޓްސް ދަށުން ހިންގި އިރު 30 މިލިއަން ރުޕިސްގެ ފައިދާއެއް ހޯދާފައިވެ އެވެ. އެކަމަކު އޭގެ ފަހުން އެއާލައިންގެ ފައިދާ ދަށްވެ، ކުރިމަތިވެފައި އޮތް އަޑިގުޑަންތަކުން އަރައިގަންނަން ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވެ އެވެ. އެމިރޭޓްސް އިން ސްރީ ލަންކަން އެއާލައިންސް ހިންގީ 1998-2008 އަށެވެ.
"މިއީ މިހާރު ރައްޔިތުންގެ ޓެކްސް ފައިސާ އިން ވެސް އޮޕަރޭޓްކުރާ އެއާލައިނަކަށްވާތީ އެބަޖެހޭ ފައިދާވާ ގައުމީ އެއާލައިނެއްގެ ގޮތުގައި ކޮޅަށް ޖަހަން." ނިމާލް ވިދާޅުވި އެވެ.
ސްރީ ލަންކަން އެއާލައިންސް ރިސްޓްރަކްޗާ ކުރަން ކުރާ މަސައްކަތުގެ ތެރެއިން އެެއާލައިންގެ 49 ޕަސެންޓް ހިއްކާ ވިއްކަން ވަނީ ނިންމައިފަ އެވެ.
މި އެެއާލައިންސް ވުޖޫދަށް އައީ މީގެ 43 އަހަރު ކުރިން 1979 ގަ އެވެ. ފްލީޓްގައި މިހާރު 23 ބޯޓް އޮތް ސްރީ ލަންކަން އެއާލައިންސް 61 ގައުމަކަށް ދަތުރުކުރެ އެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.