ފިލްމު "ގްލޭޓިއޭޓާ" ގެ ސީކްއެލްއާ ބެހޭ ގޮތުން ކުރާ ސުވާލުތަކާ ހެދި އެކްޓަރު ރަސަލް ކްރޯގެ ބޮލަށް އުނދަގޫވެ، އެ ފިލްމާ ބެހޭ ގޮތުން އޭނައާ ސުވާލުކުރަނީ ތަޅުވަން ކަމަށް ބުނެފި އެވެ.
މީގެ 23 އަހަރު ކުރިން އޭނަ ލީޑް ރޯލު ކުޅުނު ފިލްމުގެ ދެވަނަ ބައިން ފެންނާނެތޯ މީޑިއާތަކުން ތަކުރާރުކޮށް ސުވާލުކުރާތީ އޮސްޓްރޭލިއާ އުފަން އެކްޓަރު ބުނީ އާދޭހާ އެކު އެދެނީ އެ ފިލްމާ ބެހޭ ގޮތުން އޭނައާ އެއްވެސް ސުވާލެއް ނުކުރަން ކަމަށެވެ. ރަސަލް ބުނި ގޮތުގައި "ގްލޭޑިއޭޓާ 2" އަކި އޭނައާ ބެހޭ ކަމެއް ނޫނެވެ.
"އަހަރެން ނުހިމެނޭނެ އެޔަކު. ހެޔޮ ނުވާނެ އަހަރެން ގާތު އޭގެ ވާހަކަ. އަހަންނާ ބެހޭ ކަމެއް ނޫން އެއީ ކީ،" އޭނަ ބުންޏެވެ. "އެއާ ބެހޭ އެއްވެސް ކަމެއް އަހަންނަކަށް ނޭނގޭ. އަހަންނަށް އެނގޭ އެއްޗަކީ ގްލޭޑިއޭޓާގެ ދުނިޔޭހައި އަހަރެން މަރުވެއްޖެކަން. ގްލޭޑިއާޓާ ދޭކާ ބެހޭ ގޮތުން އަހަންނާ ތަކުރާރުކޮށް ސުވާލުކުރަނީ ބަޔަކު ފައިސާ ދީގެން ކަމަށް ވެސް އެބަ ހީވޭ މިހާރު."
ކުޅަދާނަ ޑައިރެކްޓަރު ރިޑްލީ ސްކޮޓް 2000 ވަނަ އަހަރު ގެނެސްދިން ފިލްމުގައި 59 އަހަރުގެ އެކްޓަރު ކުޅުނީ މެކްސިމަސް ކިޔާ ކެރެކްޓާއެކެވެ. އެ ކެރެކްޓާ ވަނީ ފިލްމުގައި މަރުވެފަ އެވެ.
ރަސަލް ބުނީ "ގްލޭޑިއާޓާ" ގެނެސްދިންތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އޭގެ ދެވަނަ ބައެއް ހަދަން ޑައިރެކްޓަރު ނިންމާނީ ވަރަށް ވަރުގަދަ ޕްލޮޓެއް ލިބުމުން ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ އެ މަސައްކަތަށް ކާމިޔާބީއެއް އެދޭ ކަމަށް ބުންޏެވެ.
"އަހަންނަށް ޔަގީން ރިޑްލީ ވަރަށް ފުރިހަމަ ފިލްމެއް ގެނެސްދޭނެކަން." ރަސަލް ބުންޏެވެ.
"ގްލޭޑިއޭޓާ 2" ގެ ލީޑަށް ނަގާފައި ވަނީ ޒުވާން އެކްޓަރު ޕޯލް މެސްކަލް، 26، އެވެ. އަންނަ އަހަރުގެ ނޮވެމްބަރު 22 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޑެންޒެލް ވޮޝިންޓަން، ޕެޑްރޯ ޕާސްކަލް، ކޮނީ ނީލްސެން، ޑެރެޖް==ކް ޖެކޯބީ އަދި ޖޯސެފް ކްއިން ހިމެނެ އެވެ.
ތާރީހީ ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން "ގްލޭޑިއޭޓާ" އަކީ ބޮކްސް އޮފީހުގައި 460.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެއްޗެކެވެ. ޑްރީމް ވޯކްސް އާއި ޔުނިވާސަލް ޕިކްޗާޒުން ޑިސްޓްރިބިއުޓް ކުރި ފިލްމު ހަދަން ހަރަދު ކުރީ 103 މިލިއަން ޑޮލަރެވެ.
"ގްލޭޑިއޭޓާ" އަށް 73 ވަނަ އޮސްކާ އެވޯޑްގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު އެކްޓަރު (ރަސަލް)، އެންމެ މޮޅު ވިޝުއަލް އިފެކްޓްސް، އެންމެ މޮޅު ކޮސްޓިއުމް އަދި އެންމެ މޮޅު ސައުންޑް މިކްސިންގެ އޮސްކާ ވެސް ލިބިފައިވެ އެވެ. މީގެ އިތުރުން 58 ވަނަ ގޯލްޑެން ގްލޯބްސްގެ ދެ އެވޯޑަކާއި ހަތަރު ބަފްޓާ އެވޯޑް ވެސް ލިބިފައިވެ އެވެ.