Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

އޮލިމްޕިކްސްގެ ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެއްޖެ

"ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް" ގައި ބައިވެރިވެ ރާއްޖެއަށް ރަންވަނަތައް ހޯދައި ދިން ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުގެ އެ ތުލީޓުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރަައީސް އެ އެތުލީޓުންނާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

ޖޫން 17-25 އަށް ޖަރުމަންގެ ބާރލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް" ގައި ރާއްޖޭގެ ޓީމުން ދެ ރަން މެޑަލާއި ލޯ މެޑެލްއެއް ހޯދާފައިވެ އެވެ.

އެ ކާމިޔާބީ ހޯދައިދިން އެތުލީޓުންނާ ބައްދަލުކުރައްވައި ރައީސް ވަނީ ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ އެތުލީޓުން ވަރަށް ފުރިހަމަ ކާމިޔާބީއެއް ޙާޞިލުކޮށްފައިވާތީ އެކަން ފާހަގަކުރައްވައި ކާމިޔާބީ ހޯދުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކާއި އަދި ޚާއްޞަކޮށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އާއި ޔޫތު މިނިސްޓްރީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސްގެ ވާހަކައިގައި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ބާކީ ނުކޮށް ހުރިހާ ކަމެއްގައި ޝާމިލުކޮށްގެން ކުރިއަށް ދިއުން ކަމާއި ކުޅިވަރުގެ ދާއިރާގައި ވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއީކަން ފާހަގަ ކުރައްވައިފަ އެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދާފައި ވަނީ ޚާއްޞައެހީ އަށް ބޭނުންވާ ފަރާތްތަކުން ކުޅިވަރުގައި ބައިވެރިވުމަށް ފުރުޞަތުތައް ފަހިކޮށް ދެއްވުމަށްކަން ފާހަގަކުރައްވާފަ އެވެ.

ރައީސް ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުން ކަންކަން ފަހިކޮށް ދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ވެސް ދެއްވައިފަ އެވެ.

"ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް" ގައި ދުނިޔޭގެ އެތައް ޤައުމަކުން 6،500 އަށް ވުރެ ގިނަ އެތުލީޓުން ވާދަކޮށްފައިވެ އެވެ.