Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

"މެޓްރޯ" ގެ ސީކްއެލް އަންނަ އަހަރަށް ފަސްކޮށްފި

ޑައިރެކްޓަރު އަނޫރާގް ބާސޫ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭ ގޮތަށް ކުރިން ތާވަލުކޮށްފައި އޮތް ފިލްމު "މެޓްރޯ: އިން ދިނޯ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު 8 ގެ ބަދަލުގައި އަންނަ އަހަރުގެ މާޗް 29 ގަ އެވެ. "މެޓްރޯ: އިން ދިނޯ" އަކީ އަނޫރާގް 2007 ގައި ބޮޑު ކާސްޓަކާ އެކީ ގެނެސްދިން އެންތޮލޮޖީ ފިލްމު "ލައިފް އިން އަ…މެޓްރޯ" ގެ ސީކްއެލް އެވެ

މި ފަހަރު ވެސް ފިލްމުގައި ބޮޑު ކާސްޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި ސާރާ އަލީ ޚާން، އަދިތިޔާ ރޯއި ކަޕޫރް، ނީނާ ގުޕްތާ، އަލީ ފަޒަލް، އަނޫޕަމް ކޭރް، ކޮންކޮނާ ސެން ޝަރުމާ، ޕަންކަލް ޓްރިޕަތީ އަދި ފާތިމާ ސަނާ ޝައިހް ހިމެނެ އެވެ. މި ކާސްޓުންގެ ތެރެއިން ކޮންކޮނާ އަކީ "ލައިފް އިން އަ…މެޓްރޯ" ގެ ރޯލެއް ވެސް ކުޅުނު ބަތަލާއެކެވެ.

"މާޑާ" އާއި "ބަރްފީ" އަދި "ގޭންގްސްޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަނޫރާގް އެންމެ ފަހުން ވެސް ބެލުންތެރިންނަށް ގެނެސްދިނީ އެންތޮލޮޖީއެކެވެ. އެއީ 2020 ގެ "ލޫޑޯ" އެވެ. "މެޓްރޯ: އިން ދިނޯ" އަށް ފަހު، އޭނަ ޑައިރެކްޓްކުރަން އޮތް ފިލްމަކީ ކާތިކް އާރިއަނާ އެކީ ހަދަން ހަމަޖެހިފައިވާ "އާޝިގީ 3" އެވެ.