ގަޑުބަޑުކޮށްފައި ހުރި ކޯސްޓު ކިރު ދަޅު ފިހާރައި ގަތީ ޤަވާއިދާއި ޙިލާފަށް ނުއަގުގައި ކަމަށް ކޯސްޓު ކިރު ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ ބީއެޗްއެމް ޓްރޭޑާސް އިން ބުނެފިއެވެ.
ކޯސްޓު ކިރު ދަޅެއް ފިހާރައަކުން ގަތުމަށް ފަހު ކެނޑިއިރު، އެހެން އެއްޗެއް އެކުލެވޭ ކަމަށް ޝައްކުވެގެން ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މިކަން ހިނގިކަމަށް ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އެ ޕޯސްޓުގައިވާ ގޮތުން ކިރު ދަޅުގެ ފޮއިލް ހުރި ތެރެހެއް ލައި ތަތްކޮށްފައި ކަމަށާއި ވަރަށް ފަސޭހައި ފޮއިލް ގަނޑު ނައްޓައިގެން ދިޔަ ކަމަށެވެ. އަދި ދަޅުގެ އެތެރޭގައި ގޮދަން ފުށް ޒާތުގެ އެއްޗެއް ހުރި ކަމަށް ވަނީ ބުނެފައެވެ. މި ދަޅު ވިއްކި ފިހާރައަށް ގަތް ފަރާތުން އަނބުރާ ދަޅު ގެންދިޔަ ކަމަށް ވަނީ ބުނެފައެވެ.
މިމައްސަލަ އާންމުވި ހިސާބުން މިކަމުގެ ތަހުޤީގެއް ފެށި ކަމަށް ބީއެޗްއެމްގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން އެކުންފުނިން ބެލި ބެލުމުން ދަޅު ފިހާރައަށް ގަނެފައިވަނީ ނުއަގުގައި ކަމަށާއި، އެއީ ކޯސްޓު ކިރު ބާޒާރުން ހުސްވެފައިވާ ދުވަސް ވަރެއްގައި ހިނގި ކަމެއް ކަމަށް ބީއެޗްއެމް ބުނިއެވެ. އަދި އެކުންފުނިން ބެލި ބެލުމުން މި ދަޅަކީ އެންމެ ފަހުގެ ޝިޕްމެންޓުގައި ހިމެނޭ ދަޅެއް ނޫން ކަމަށާއި، އެއީ 2022 ގައި ގެނައި ޝިޕްމެންޓެއްގެ ދަޅެއް ކަން ތަހުޤީޤަށް ފާހަގަ ވެފައިވާ ކަމަށް އެކުންފުނިން ބުނިއެވެ.
މީގެ އިތުރަށް ޕެކޭޖިންގް ގަޑުބަޑުކޮށް ކިރުގެ ބަދަލުގައި އެހެން އެއްޗެއް އަޅާފައިވާކަން ކުންފުނިން ކުރި ތަހުލީލުތަކަށް ޔަޤީން ކުރެވިފައިވާ ކަމަށް ބީއެޗްއެމް އިން ވަނީ ބުނެފައެވެ. އަދި މިއާއެކު ކިރުދަޅު އެ ފިހާރައިން ގަނެފައިވަނީ ކާކުކަން ނޭނގޭ ފަރާތެއްގެ އަތުން ކަމަށާއި، އަދި އެއީ ޤަވާއިދާ ޙިލާފު ކަމެއް ކަމަށް ބީއެޗްއެމް ބުނެއެވެ.
ބީއެޗްއެމް ވަނީ މިފަދަ ކަންކަން ފުލުހުން، ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ކޮންސިއުމަރ އޮމްބަޑްސް ޕާސަން އޮފީހުން ތަހުޤީގު ކުރުމަށް ގޮވާލާފައެވެ. އަދި ކޯސްޓު ކިރަކީ ބައިނަލްއަޤްވާމީ ފުޑް ސޭފްޓީ ސެޓިފިކޭޝަން ލިބިފައިވާ ފެކްޓްރީތަކުގައި ޕެކް ކުރެވޭ އުފެއްދުމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި ކުރިއަށް ވެސް މިފަދަ ކަމެއް ދިމާ ނުވާނެ ގޮތަށް، ކިރު ދަޅު ބައްލަވައި ގަންނަވާއިރު ރަނގަޅަށް ސީލް ވެފައި ހުރިތޯ ޗެކް ކުރެއްވުމަށް ބީއެޗްއެމް އިން ވަނީ އެދިފައެވެ.