އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ފިލްމު "ނީނާ" ގެ ޕްރޮމޯޝަނަލް ލަވަ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
އަންނަ މަހުގެ 6 ގައި އައި ފިލްމްސް އިން އޮލިމްޕަހަށް ގެންނަން ނިންމާފައިވާ މި ކްރައިމް ތުރިލާގެ ޕްރޮމޯޝަނަލް ލަވަ ގެނެސްދީފައި ވަނީ "އަލިފާން" ގެ ނަމުގަ އެވެ. މިސްޓީގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ އަންދަލާ ހަލީމެވެ.
މި އަހަރުގެ އެންމެ އުންމީދީ ދިވެހި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ނީނާ" އަކީ 2019 ގެ "ބަވަތި" އަށް ފަހު، ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. މީގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ "ބަވަތި" ގެ ވެސް ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.
"ނީނާ" ގެ ކާސްޓުންގެ ތެރޭގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، މަރިޔަމް ރަޝީދާ އަދި ނަތާޝާ ޖަލީލު ހިމެނެ އެވެ.