ފަރުހާން އަޚްތަރު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމު "ޖީ ލޭ ޒަރާ" އިން ޕްރިޔަންކާ ޗޯޕްޅާ ވަކިވެފައިވާ ކަމަށް އަނެއްކާ ވެސް އަޑު އަރައިފި އެވެ.
މި ވާހަކަ މިދިޔަ އަހަރުގެ ތެރޭގައި ވެސް ދެކެވުނެވެ. އެކަމަކު އޭރު ޕްރިޔަންކާ ވަނީ ފިލްމުން ވަކިނުވާ ކަމަށް ބުނެފަ އެވެ. މީޑިއާތަކުން މިހާރު ރިޕޯޓްކުރަމުން އަންނަ ގޮތުގައި އޭނަ "ޖީ ލޭ ޒަރާ" ދޫކޮށްލީ ސޮއިކޮށްފައި ހުރި ހޮލީވުޑްގެ ޕްރޮޖެކްޓްތަކަށް ފުލުފުލުގައި ވަގުތު ދޭން ޖެހިފައި އޮތުމުން ފަރުހާންގެ ފިލްމަށް ވަގުތު ދޭން ދަތިވުމާ ގުޅިގެންނެވެ.
ނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. އަނެއްކޮޅުން "ޖީ ލޭ ޒަރާ" ގެ މަސައްކަތް ފެށުން ލަސްވާތީ، މީގެ މަސައްކަތް މި ވަގުތަށް ހުއްޓައިލުމަށް ފަހު ފަރުހާނަށް އާމިރު ޚާން ހުށަހެޅި ސްޕެއިންގެ ފިލްމު "ޗެމްޕިއަންސް" ގެ ހިންދީ ރިމޭކް އޭނަ ކުޅެން ނިންމާފައިވާ ކަމަށް ވެސް މީޑިއާތަކުން މިދިޔަ މަހު ބުނެފައިވެ އެވެ. އެކަމަކު އެ ފިލްމަށް ވެސް ފަރުހާން ސޮއިކުރިކަން ކަށަވަރެއް ނުވެ އެވެ.
ފާއިތުވި ދެ މަހުގެ ތެރޭގައި ފަރުހާން ވަނީ "ޖީ ލޭ ޒަރާ" ޝޫޓްކުރާނެ ލޮކޭންޝަންތަކެއް ހަންޓްކުރަން ދަތުރުތަކެއް ވެސްކޮށްފަ އެވެ. މިއީ އަންހެން ތިން އެކުވެރިއެއްގެ ވާހަކަ ކިޔައިދޭ ރޯޑް-ޓްރިޕް ފިލްމެކެވެ. ދެހާސް އެކާވީހުގައި އިއުލާންކުރި ފިލްމުގެ ކާސްޓްގައި އާލިއާ ބަޓާއި ކެޓްރީނާ ކައިފް ވެސް ހިމެނެ އެވެ.
ފާހަގަކޮށްކެވޭ ކަމަކީ "ޖީ ލޭ ޒަރާ" ގެ ޑައިރެކްޓަރު ފަރުހާނަކީ ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ބޮލީވުޑްގެ ފިލްމު 2019 ގެ "ދަ ސްކައި އިޒް ޕިންކް" ގެ ބަތަލުކަމެވެ. ފަރުހާން ޑައިރެކްޓްކުރި "ޑޮން" ދެ ފިލްމުގެ ބަތަލާގެ ރޯލު ވެސް ޕްރިޔަންކާ ކުޅެފައިވެ އެވެ.
"ޖީ ލޭ ޒަރާ" އާ ބެހޭ ގޮތުން މީޑިއާތަކުގައި މިހާރު ދެކެވެމުން އަންނަ ވާހަކަތަކަށް ބަލާ އިރު، މި ފިލްމުގެ މަސައްކަތް އަވަހަކަށް ފެށޭނެ ކަމަކަށް ނުބެލެވެ އެވެ.
ޕްރިޔަންކާ މިހާރު އަންނަނީ ކާސްޓްގައި އިޑްރިސް އަލްބާ އާއި ޖޯން ސީނާ ހިމެނޭ "ހެޑްސް އޮފް ސްޓޭޓް" ގެ މަސައްކަތް ކުރަމުންނެވެ. އޭނަގެ އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި "އެންޑިން ތިންގްސް" އާއި "ސިޓަޑެލް" ސީރީޒްގެ ދެވަނަ ސީޒަން ހިމެނެ އެވެ.
ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒްކުރި "ލަވް އެގެއިން" އެވެ.